ޚަބަރު

ކުށް ގިނަވުމުގައި ކުރީގެ ސަރުކާރުގެ ގޯހެއް ދެއްކުމުން އެމްޑީޕީން ބަޔާނެއް ނެރެފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީން މަޖިލީސް އިންތިހާބުގެ ކެމްޕޭނު ނިންމަން ބޭއްވި ޕެރޭޑްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

ކުށް ގިނަވީ ކުރީގެ ސަރުކާރުން ކުށްވެރިންތަކެއް މުޖުތަމައަށް ދޫކޮށްލުމުން ކަމަށް ދޭހަވާ މޭރުމުން ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި ވާހަކައަށް ރައްދުދީ ކުރީގެ ސަރުކާރު ހިންގި ޕާޓީ އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.

Ads by MWSC

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް ޝިފާން ތުހުމަތު ކުރެއްވީ އެ ކަމަށް ބާރު އަޅާނެ އެއްވެސް އަސާސީ ހެއްކެއް، ދިރާސާއެއް އަދި ތަފާސްހިސާބެއް ވެސް ނުދީ ކަމަށެވެ. އަދި ގާނޫނާ ހަވާލާދީ އެމްޑީޕީން ފާހަގަކުރި ކަމަކީ މާފާއި ޕެރޯލް ދެވޭނީ އަހަރު ދުވަހުގެ ތެރޭގައި ކުށް ނުކުރުމަށް އިގުރާރުވެ ޝަރުތު ކުރުމަށް ފަހު އަދި ކުށެއް ކޮށްފިނަމަ ކުރީގެ ހުކުމް ތަންފީޒު ކުރެވޭ ގޮތަށް ކަނޑައެޅުމަށް ފަހު ކަމެވެ.

"ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ އިތުރު ހުކުމެއް ކުރުމަކާ ނުލައި އެ މީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ގާނޫނީ ފުރުސަތު އޮތް އިރު މި ދުވަސްވަރު ކުށް ކުރަމުންދާ މީހުންނާ މެދު ފިޔަވަޅު ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ އެ މީހުންނަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫން ކަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 1000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ވައްކަމުގެ 1680 މައްސަލަ ހުށަހަޅާފައިވާއިރު ފޭރުމުގެ 235 މައްސަލަ ހުށަހަޅާފައިވެ އެވެ.

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައި މި ފަހުން ވައްކަމާއި މީހުނަށް އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ރަހީނު ކުރުމާއި ބިރު ދައްކައިގެން ފައިސާ ފޭރުން ފަދަ އިންތިޒާމުވެގެން ހިންގާ ކުށް ގިނަވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެހެން މެދުވެރިވީ މިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު އެއްވެސް އުސޫލެއް ނެތި މާފު ދީގެން 400 އަށް ވުރެ ގިނަ ކުށްވެރިން ޖަލުން ދޫކޮށްލުމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!