ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހާއަކީ އެ ރަށުގައި ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހެކެވެ. ފުލުހުން ބުނީ، އެތަނަށް ފުލުހުން ދިޔައީ، އެމީހާ ރޭ ކޮޓަރިއަށް ވަތް ގޮތަށް ހަބަރެއް ނުވެގެން ކަމަށެވެ.
"ފުލުހުން ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގަ މީހާ އޮއްވައި ފެނިފައިވޭ" ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެމީހާ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާކަމަށް އެ ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.