Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ހަށިގަނޑު ގައުމަށް ގެންދަން އާއިލާއިން ބޭނުމެއް ނުވޭ!

މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ހަށިގަނޑު ގައުމަށް ގެންދަން އާއިލާއިން ބޭނުމެއް ނުވޭ!
މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ސިނަމާލެ ބްރިޖު ކައިރިން މަރުވެ، އޮޔައި ދިޔަ 25 އަހަރުގެ ނޭޕާލުގެ އަންހެން މީހާގެ ހަށިގަނޑު ގައުމަށް ގެންދަން އޭނާގެ އާއިލާއިން ދެކޮޅު ހަދައިފި އެވެ. ބްރިޖާ 50 ފޫޓު ހިސާބުން ކަނޑު މަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ އެ ދުވަހު 12:35 ހާއިރެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. އެ އަންހެން މީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ އަންހެން މީހާގެ ހަށިގަނޑު ގެންދަން އާއިލާއިން ވަނީ ދެކޮޅަށް ހަދާފަ އެވެ. ސީދާ ސަބަބެއް އެނގިފައެއް ނުވެ އެވެ. "އާއިލާގެ މައްސަލައެއް އެބަ އުޅޭ" މައުލޫމާތު ދިން މީހާ ބުންޏެވެ. އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދަން ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަށިގަނޑު މޯޗަރީގައި ބާއްވާފައި އޮތީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން ކަންތައްތަކެއް ބަލަމުންދާތީވެ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ. "އާއިލާގެ އެދުމުގެ މަތިން އެއޮތީ ބާއްވާފައި" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން ނޭޕާލުގެ އަންހެން މީހާ އެންމެ ފަހުން ފެނުނީ ބްރިޖު މަތިން ހިނގާފައި ދަނިކޮށް ކަމަށާއި، އޭނާ އުޅުނީ އޭނާގެ ލޯބިވެރިޔާ އެކު ކަމަށެވެ. ފުލުހުން ކިޔައިދިން ގޮތުން އޭނާގެ ލޯބިވެރިޔާ އަކީ ވެސް ބިދޭސީއެކެވެ. މަރުވެފައި އޮތް އެ އަންހެން މީހާ ފެނުނީ ބްރިޖު ސަރަހައްދުން ދަތުރުކުރި ލޯންޗަކަށެވެ. މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ފަރާތުން ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ނޭޕާލުގެ އަންހެން މީހާ އަކީ މޭ މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ މާލޭ ގެސްޓު ހައުސްއެއްގައި ކަމަށާއި އެ ތަނުގައި އޭނާ ދިރިއުޅެމުން ދިޔައީ އެ ލޯބިވެރިޔާއެކު ކަމަށް ވިދާޅުވި އެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީ މީހާއާ އެކު މާލޭ މަގުމަތީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ފެނިފައިވެ އެވެ.
މޭ 25 ވަނަ ހެނދުނު 11:19 ހާއިރު ނިޔާވި ފަރާތާއި އެ ފަރާތް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީއަކާއި އެކު، މި ދެންނެވި އަންހެން މީހާ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވެފައިވާތަން ސީސީޓީވީ ފުޓޭޖްގެ އެހީގައި އަޅުގަނޑުމެން ވަނީ ދެނެގަނެވިފައި
އޭނާ ވިދާޅުވީ އެ އަންހެން މީހާ އެރޭ އެކަނި ސިނަމާލެ ބްރިޖު މަތީގައި އުޅޭ މަންޒަރުވެސް ސީސީޓީވީ ފޫޓެޖްއަށް އަރާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ކަން ހިނގައި ދިޔަ ގޮތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
މި ދެންނެވި ފަރާތް (އަންހެން މީހާ) ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ މި ދެންނެވި ދުވަސް (25، މޭ) 11:27 ހާއިރު ސިނަމާލެ ބްރިޖުމަތިން
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެ މަރަކީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް މަރެއްކަމަކަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް މައްސަލައިގެ މުޅި ތަހުގީގު ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް