މެންބަރުންގެ އަދަދު މަދުކުރުމާމެދު ހިޔާލު ހޯދަން ގަރާރެއް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުމަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ މިހާރު ގާނޫނުގައި އުސޫލު އޮތް ގޮތުން ކުރިއަށް އަންނަން އޮތް އަހަރުތަކުގައި ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގެ އާބާދީއާ ބަލައި މެންބަރުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.
ގަރާރުގައި ވަނީ މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ދެކޭތީ, ވަގުތާ ހާލަތާ ގުޅޭ ގޮތަށް މިކަމާމެދު ބަހުސްކޮށް 20 ވަނަ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހޯއްދެއްވުމަށް ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި 85 މެންބަރުން ތިއްބެވި އިރު 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. މި އަހަރު ފެށި 20 ވަނަ މަޖިލީހުގައި މެންބަރުންގެ އެ އަދަދު ވަނީ 93 އަކަށް އިތުރުވެފަ އެވެ.