ޚަބަރު

ސަރުކާރުގެ އަމާޒަކީ ޑްރަގަށް އޮންނަ ޑިމާންޑު ކުޑަކޮށް ކަމުގެ އަސްލަށް ވާސިލްވުން

އައިކާ ޔުނާން ، ދެން އޮންލައިން

ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަކޮށް, ކުށުގެ ނެޓުވޯކުތައް ނައްތާލައި ކަމުގެ އަސްލަށް ވާސިލް ވުން ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުން މިއަދު ބުނެފިއެވެ.

Ads by MWSC

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތް ކުރަމުން އަންނަނީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑު ކުޑަ ކުރުމަށް ކަމަށެވެ.

ކަމުގެ އަސްލަށް ވާސިލްވެވި, އެ ކަންކަން ހައްލު ކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައަށާއި ރައްޔިތުންނަށް އަމާން، ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެން ދިއުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް، ޕްރިވެންޝަންގެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށްގެން ކުރިއަށް ގެންދިއުމަކީ ވެސް އެންޑީއޭގެ އަމާޒެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ. އެކަމަށް ގައުމީ ފެންވަރުގެ ކެމްޕެއިނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެ، އެންމެންނަށް ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ބޯޑުން ވަނީ ދީފައެވެ.

އެގޮތުން މަސްތުވާތަކެތީގެ ވަބާ އާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި، ނަހަމަ ގޮތުގައި ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެފަދަ ފަރާތްތައް މުޖުތަމައު ރައްކާތެރިކުރުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

  1. ޑްރަގު ބޮޓްސް

    ސަރުކާރުގެ އަމަލަކާ ބަހަކާ ދިމާނުވޭ. މިހުރިހާ ކަމެެއްވާއިރު ކޮބާ ޑުރަގު އޭޖެންސީ؟ އެތަން ޕެރަލައިޒްކޮށްގެން އެއްވެސް ކަމެއް ނުވާނެ. މިއަހަރުގެ ޑުރަގުޑޭއަށް އެ އެޖެންސީ ރިސޯޓެއްގަ ބާއްވަން އުޅުނު ބޮޑު އިވެންޓްވެސް ލުބުނާ އާއި މިނިސްޓަރ ހުއްޓުވާލި އަޑުއެބައިވޭ.