މި މަގަށް ކިޔާނީ "ފަލަސްތީނު ހިނގުން"

މާފަންނު މަދަރުދާގެ ބިތްދޮށަށް އޮންނަ މަަގަށް "ފަލަސްތީނު ހިނގުން" ކިޔުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މާލޭގެ ނަންނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގަ އެވެ.
އެގޮތަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.
އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނެވެ.
"ފަލަސްތީނު ހިނގުން" ކިޔުމަށް ނިންމީ، މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ، ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަ މަގަށެވެ. އެހެންނަމަވެސް އެ މަގަށް ނަން ކިޔާނެ ތާރީހެއް ކައުންސިލުން އަދި ނިންމާފައެއް ނުވެެއެވެ.