ކުރީގެ ވަޒީރު އިމްރާން ބެންކޮކަށް ދިރިއުޅުން ބަދަލުކުރައްވައިފި
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގު ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނެވި ޝޭހް އިމްރާން އަބްދުﷲ، ތައިލެންޑުގެ ބެންކޮކަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.
އިމްރާން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވިކަން އޭނާ ރައީސްކަން ކުރައްވާ 'އަދާލަތު ޕާޓީ' އިން ވަނީ މިއަދު 'ދެން' އަށް ކަށަވަރުކޮށްދީފަ އެވެ. އިމްރާން ދިރިއުޅުއްވުން ބަދަލުކުރެއްވި ވަކި ގައުމެއް ނުބުނި ނަމަވެސް، މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ މިހާރު ދިރިއުޅުއްވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގަ އެވެ. ބެންކޮކަށް ދިރިއުޅުން ބަދަލުކުރެއްވީ މީގެ ދެ މަހެއް ކުރިންނެވެ.
އަދާލަތުން ބުނީ އީމްރާން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ "އަމިއްލަ ސަަބަބުތަކަށްޓަކައި" ކަމަށެވެ.
އެންމެ ފަހުން މީޑިއާގެ ސުރުހީތަކުން އިމްރާންގެ ވާހަކައެއް ތިލަވީ، ޕިކަޕަކުން އޭނާގެ ކާރުކޮޅުގައި ޖެހި ހިނގި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވި ހިސާބުން ނެވެ. އެ އެކްސިޑެންޓު ހިނގި މަންޒަރު ފެނި، ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން އިމްރާން ލަތީފް (އިންމު) ޝޭހް އިމްރާން އަރިހަށް ވަޑައިގެން ޕިކަޕު ދުއްވި މީހާއަށް މައާފު ކޮށްދެއްވުމަށް އެ ވީޑިއޯގައި ތަކުރާރުކޮށް އެދެ އެވެ.
އެ މީހާ އަށް މާފުކޮށްދޭން ތަކުރާރުކޮށް އިންމު ވިދާޅުވި ނަމަވެސް އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވެއެ ވެ. މި ވީޑިއޯއާ ގުޅިގެން އިންމުއަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އަދާލަަތު ޕާޓީން ވެސް ވަނީ އިންމުގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.