ޚަބަރު

ނައީމާގެ މަރު: ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން ބައެއް ހެކިތައް ސިއްރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި, އޭނާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި އެހެން ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

Ads by Hajj Corporation

ނައީމާގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައެއް ހެކިތައް ސިއްރު ކުރަން ދައުލަތުން އެދުނީ ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ އާއި ނައީމާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމަށާއި އަނެއް ބައި ހެކިތައް ކޯޓުގައި އެކަނި ބެލޭ ގޮތަށް ވަކި މިންވަރަކަށް ސިއްރު ކުރުމަށެވެ.

ނައީމާގެ ޚަބަރެެއް ނުވެގެން، އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވީ، އޭނާގެ ހަށިގަނޑު ފެނުނީ، ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އޮއްވައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އެކަނި ދިރިއުޅޭ ނައީމާގެ ފިރިއަކު ނެތްއިރު، ތިން ދަރިންވެސް ދިރިއުޅެނީ އޭނާއާ ވަކިންނެވެ.

ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ. ނަމަވެސް މިއީ ސާބިތުހިފޭ ވާހަކައެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!