ފުވައްމުލަކު ޑްރަގް އޮޕަރޭޝަން: 14 މީހަކު ހައްޔަރަށް

ފުވައްމުލައް ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކަލް'' ގެ ނަމުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މެއި 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން، އެ އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާއިރު 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުންނެވެ.
އޭގެ އިތުރުން އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.