ޚަބަރު

ޖަމީލު ހަރާކަތެއް ނެތި އޮންނަތާ ހަތަރު ގަޑިއިރުވީއިރުވެސް ނޭގެ، އެއީ މައްސަލައެއް: އިހުސާން

ރައުފާ ރަޝީދު ، ދެން އޮންލައިން
މިއަދު ހޯމް މިނިސްޓްރިންއާ ފުލުހުންގެ އިތުރުން ކަރެކްޝަނުން ބޭއްވި ޕްރެސްގެ ތެރެއިން

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ހެނދުނު ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) ހަރަކާތް ހުއްޓިފައި އޮންނަތާ ކަރެކްޝަންސްގެ އޮފިސަރުންނަށް އެނގުނީ 04 ގަޑިއިރު ފަހުން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ޖަމީލު ނިޔާވީ ޖަލުގައި ލިބުނު އަނިޔާތަކަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުކުރުވަން ފެށި އެވެ. އެ ވާހަކަ ފަތުރާ މީހުން އެކަމަށް ބާރު ދެނީ ޖަމީލު މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ބޭނުންކޮށްގެންނެވެ. އެ ފޮޓޯތަކުން ޖަމީލުގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ކަމަށް ބެލެވޭ ނިޝާންތަކެއް ފެނުނެވެ.

އެހެންވެ ޖަމީލުގެ މަރާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ޖަމީލުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖު ފުލުހުން ވަނީ ދައްކާލާފަ އެވެ.

އެ ޕްރެސް ބްރީފިންގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލު އެންމެ ފަހުން ގޮޅިއަށް ވަދެފައި ވަނީ ބުރަސްފަތި ދުވަހުގެ ރޭގަނޑު 9:30 ހާއިރު ކަމަށެވެ. އެއަށް ފަހު އެ ގޮޅިއަށް އެއްވެސް މީހަކު ވަދެފައިނުވާ ކަމަށެވެ. އޭގެ އަނެއް ދުވަހު އާއްމު އުސޫލުގެ ދަށުން ޕްރިޒަން އޮފިސަރުން ގޮޅިއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ގޮޅީގެ ތެރެއަށް އޮފިސަރަކު ނުވަންނަ ކަމަށެވެ.

"..ސަބަބަކީ ޕްރިޒަން އޮފިސަރުންނަށް މުހައްމަދު ޖަމީލު ފެނުނުއިރުވެސް އޮތީ މި ދެންނެވި ގޮތަށް ސަޖިދާގައި އޮންނަ ގޮތަށް އެ މަގާމުގައިކަމަށްވާތީވެ އޭނާ އޮތީ ނަމާދަށް ކަމަށް ބަލައި ޕްރިޒަން އޮފިސަރުން އިތުރަށް ގޮޅިއަކަށް ވަދެފައެއް ނުވޭ" ސާމިހު ވިދާޅުވި އެވެ.

އިތުރު ތަފްސީލު ހިއްސާކުރަމުން ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް ވިދާޅުވީ ހެނދުނު 9:15 ހާއިރު ޖަމީލު ސަޖިދާގައި އޮތުމުގެ ސަބަބުން އޭނާއަށް ހިފައިން ދިޔަ ކާއެއްޗެހި ވެސް ބެހެއްޓީ ކަބަޑު މަތީގައި ކަމަށެވެ. އޭގެ ފަހުންވެސް އޭނާގެ ހަބަރެއް ނުވާތީވެ އޮފިސަރުން ގޮޅިއަށް ވަތް ކަމަށް ވިދާޅުވި އެވެ.

"އިތުރަށް އޭނާ ނުނިކުންނާތީވެ އަޅުގަނޑުމެންގެ އޮފިސަރުން 11:34 ހާއިރު އެއްވެސް މޫވްމެންޓެއް ނުފެނުމުން ދެން އަޅުގަނޑުމެން އޭނާއަށް އެޓެންޑުކޮށް ބޮޑީ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ފެށީ" އާސިފް ވިދާޅުވި އެވެ.

ހަތަރު ގަޑިއިރުވީއިރުވެސް ނޭގުން އެއީ މައްސަލައެއް، ބަދަލުކުރަން ޖެހޭ

އެ ޕްރެސްގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އާއްމު އުސޫލުގެ ދަށުން ގައިދީއަކު އަޅުކަމުގައި އުޅޭނަމަ އޮފިސަރުން އެ ބަޔަކަށް އުދަނގޫ ނުކުރާނެ ކަމަށެވެ.

"މީގެ ކުރިންވެސް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބައެއް ގައިދީން ނަމާދުކުރުމުގައި ހާއްސަކޮށް، ސުޖޫދުގައި ވަރަށް ގިނައިރު ހޭދަކުރޭ" އިހުސާން ވިދާޅުވި އެވެ.

އެއަށް ފަހު މިނިސްޓަރު ވިދާޅުވީ އެއީ އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ބަދަލުކުރާނެ ކަމަށެވެ.

"މީގެ ފަހުން ކަރެކްޝަނަލް ސާވީސް އިން އެއް ގަޑިއިރު ތެރޭގައި ކޮންމެ ގައިދީއަކު އަޅުގަނޑުމެން ބަލާނަން. އެއީ އަޅުކަމުގެ ހަރަކާތެއްގައި އޮތަސް އެ މީހާ ފުރާނަ ހުރިތޯ ހަރަކާތް ކުރޭތޯ" ކަރެކްޝަނަށް ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވަމުން އިހުސާން ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!