ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮވިޑު ވެކްސިން ޖަހައިގެން ރާއްޖޭގައި ބަޔަކު މަރުވި: ޝުޖާއު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޖެހި ވެކްސިންގެ ރައްކާތެރިކަން ކުރީ ސަރުކާރުން ކަށަވަރުކޮށްފައި ނުވާކަމަށާއި އެ ވެކްސިން ޖެހި އެތައް ބަޔަކު ރާއްޖެއިން މަރުވިކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ވެރިކަން ދޫކުރައްވައި ވަޑައިގެންނެވީ ގައުމު ލޫޓުވާލާފައި ކަމަށެވެ. މިދިޔަ ފަސް އަހަރު ގައުމުގެ ކޮންމެ ކަމެއް ކޮވިޑާ އަޅުވައި ފަރުޖެއްސިކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެހެންނަމަވެސް ކޮވިޑު ތެރޭގައިވެސް ދިވެހި ރައްޔިތުން ބަނޑަށް މަރުވީކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ވެގެން ދިޔައީ އޭރުގެ ސަރުކާރުން މިސް މެނޭޖު ކުރުމުގެ ސަބަބުން ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

"އިންޖެކްޝަންތަކެއް ތަޅާލީ ރައްޔިތުންގެ ގަޔަށް. ވާނުވާ ނޭނގި. މިހާރު ދުނިޔޭގެ ޖަމިއްޔާތަކުން އެވިދާޅުވަނީ އެއީ އެހެންކަހަލަ ވެކްސިނެކޭ"

ޝުޖާއު ވިދާޅުވީ ވެކްސިން ޖަހަމުން ދިޔަ ދުވަސްވަރު އޭގެ ރައްކާތެރިކަން ކަށަވަރު ކުރަން އޭރުވެސް އިދިކޮޅުގައި އޮވެ ގޮވަމުން ގެންދެވި ކަމަށެވެ.

"ކިހިނެއްތޯ ވެގެން ދިޔައީ ހަމަ ޖަހާލާ ރައްޔިތުންތަކެއް މަރުވެގެން ދިޔައީ މިގައުމުން"

ޝުޖާއުގެ ވާހަކައިގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ވެކްސިންގެ ސައްހަ ކަމާއިމެދު ސުވާލު އުފެއްދުމަކީ މަޖިލީހުގެ ތަޅުމުގައި ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ. ވެކްސިނަކީ ޖަހަން ޖެހޭ އެއްޗެއް ކަމާއިމެދު މަޖިލިސް މެމްބަރުން ސުވާލު އުފެއްދުމަކީ ބިރުވެރި ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ.

މި ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައިގެންފައެއް ނުވެ އެވެ.

ކޮވިޑް-19 އަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އެސްޓްރެޒެނެކާ ކުންފުންޏާއި އިންޑިއާ ގުޅިގެން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭ ގަނޑުވާކަމަށް އެސްޓްރެޒެނެކާ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. މިހެންކަމުން އެ ވެކްސިން އިތުރައް އުފެއްދުމާއި ވިއްކުން އަދި އެއްވެސް މީހަކަށް އެވެކްސިން ދިނުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދިފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. މިވެކްސިންގެ ސަބަބުން ބައެއް މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރިކަމަށް ވާހަކަ ދެކެވުނެވެ.

ކޮވިޑް ވެކްސިނަކީ އޭގެން ދިގު މުއްދަތަށް ކުރާ އަސަރުތައް ދެނެ ނުގަނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް މުޅި ދުނިޔެއިންވެސް ދޭން ފެށި ވެކްސިނެކެވެ. މިވެކްސިންގެ ނޭދެވޭ އަސަރުތަކެއް ހުރި ނަމަވެސް އޭގެން މުޅި މުޖުތަމައުއަށް ލިބުނު ފައިދާތައް ގިނަ އެެެވެ.

  1. ކޮވިޑު ވެކްސިން ނުޖެހިޔަސް މަރުވާނެ.މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭ….