ޚަބަރު ރައްޔިތުންގެ މަޖިލިސް

މީކާއިލް ހަނދާންކޮށްދެއްވީ ލޯނުތަކާ ގުޅޭގޮތުން ކެމްޕެއިންގައި ރައީސް ދެއްކެވި ވާހަކަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ރާއްޖެއިން ނަގާފައިވާ ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރުމަށް ގްރީން ސިގްނަލް ލިބިފައިވާކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު މަޖިލީހުގައި ހަނދާން ކޮށްދެއްވައިފި އެވެ.

Ads by Sosun Fihaara

ދައުލަތުގެ ދަރަނި މެނޭޖު ކުރުމާއިބެހޭ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގެ ތެރޭގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެގޮތުން މީކާއިލް ތަކުރާރު ކުރެއްވީ ރައީސްގެ ވާހަކަފުޅުން ދެތިން ޖުމްލަ އެކެވެ.

"ކޮމާ ކޯޅިއެއްގައި އަޅުގަނޑު ދަންނަވާލާނަން. ކަންކަން ކުރެވޭ ވަރަށް ކޮންމެ މަހަކު ވަދޭ ފައިސާ. އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ. މިހާރުވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ ދައްކަންހުރި ބޮޑެތި ބައެއް ލޯނުތަކަށް ރީފައިނޭންސް ކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފަ. އެހެންވީމާ އެއްވެސް ކަންބޮޑުވުމެއް ނެތް. އެއްވެސް ކަންބޮޑުވުމެއް ނެތް އަޅުގަނޑުމެންނަށް ގައުމުގެ އިގްތިޞާދީ ހާލަތާއިމެދު." ރައީސް ޑރ. މުއިއްޒު ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަފުޅުތައް މީކާއިލް ތަކުރާރު ކުރެއްވި އެވެ.

މީކާއިލް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ހާލަތާއިމެދު ކަންބޮޑުވެ ދަރަނި މެނޭޖުކުރަން ހާއްސަ ބިލެއް މިއަދު މަޖިލީހަށް ހުށަހެޅުމުން ރައީސް ޑރ. މުއިއްޒުއާއި މިސަރުކާރާއިމެދު ރައްޔިތުން ބަހައްޓަންވީ އިތުބާރާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

މީކާއިލްގެ ވާހަކައިގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދެއްކެވީ އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ އެގްރީމެންޓުތަކާއި ގުޅޭ ފުރިހަމަ މައުލޫމާތު ހާމަ ނުކުރާތީ އެމައުލޫމާތު އެނގިވަޑައިނުގެން ހުންނަވައި ކަމަށެވެ.

މިނިޒާމީ މައްސަލަ ބަލައިނުގެން ރިޔާސަތުން އަނެއްކާވެސް މީކާއިލްއަށް ފުރުސަތު އެރުވި އެވެ. ރައީސް މުއިއްޒު ކުރިން ދެއްކެވި ވާހަކަފުޅުތައް މީކާއިލް އަނެއްކާވެސް މަޖިލިސް ތަޅުމުގައި ތަކުރާރު ކުރެއްވި އެވެ.

އެމްޑީޕީގެ ސަރުކާރުން 40 އަހަރާއި ނުބައްދަލު ދަރަނި ނެގިކަމަށް ދެކެވޭ ވާހަކަތަކަށް މީކާއިލް ރައްދު ދެއްވި އެވެ. އެގޮތުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވުމަކީ 2013 އިން 2018 އަށް ޕީޕީއެމްއިން ވެރިކަން ނުކުރާކަމަށް ވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެވެރިކަމުގައި ނެގި ދަރަނިތަކަކީ ޕީޕީއެމްގެ ސިޔާސަތުތަކާއި ނުގުޅޭ އެއްޗަކަށް ނުވާނެކަމަށް މީކާއިލް ވިދާޅުވި އެވެ.

"އެއީ ޕީޕީއެމްއިން އުފެއްދި ދަރަނި. 2019 އިން 2023 ގައި ދިވެހިރާއްޖޭގެ ތާރީހުގައިވެސް ނުދައްކާހާ ދަރަނި ދިވެހި ދައުލަތުން ދެއްކި. އެދެއްކީ ޕީޕީއެމްގެ ސަރުކާރުން ދިވެހި ދައުލަތަށް ވާރުތަކުރި ދަރަނި."

ރައީސް ޞާލިހުގެ ސަރުކާރުން 24.7 ބިލިއަން ރުފިޔާ ދައުލަތުގެ ދަރަނީގެ ގޮތުގައި އަދާކުރިކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި މިއީ ކޮން ބައެއް އުފެއްދި ދަރަންޏެއްތޯ މީކާއިލް ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މުލިއާގޭގެ މަރާމާތަށް 21 މިލިއަން ރުފިޔާ ހޭދަކުރައްވަން ނިންމެވީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅަށް ހުރީމައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި އަދަދު ނޭނގޭވަރަށް އެޔެއް މިއެއް ނުބަލާ ސިޔާސީ މަގާމުތަކަށް މީހުން ނަގަމުން ދިޔަކަމަށްވެސް މީކާއިލް ތުހުމަތު ކުރެއްވި އެވެ.

މިކަންކަމަކީ ގައުމުގެ އިގްތިޞާދީ ހާލަތު އެނގިވަޑައިނުގެން ކުރެއްވި ކަންކަންތޯ ނުވަތަ ގަސްތުގައި ގައުމު އަނދަވަޅަކަށް ވައްޓައިލަން ކުރެއްވި ކަންކަންތޯ މެމްބަރު ސުވާލު އުފެއްދެވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!