ޚަބަރު ރައްޔިތުންގެ މަޖިލިސް

މިއީ ދެފުށް ފެންނަ ފުރަތަމަ ސަރުކާރު: އިއްބެ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން

މި ހިނގަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ދެ ފުށްފެންނަ ގޮތަށް ހިންގާ ފުރަތަމަ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސެއިން (އިއްބެ) މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މެމްބަރު އެހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގަ އެވެ.

އެ ބިލަކީ މިހާރު އަމަލުކުރަމުންދާ 'ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު' ގެ ބަދަލުގަައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާ ގުޅޭ އާ ނިޒާމެއް ގާއިމުުކުރުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ބިލެކެވެ. އެގޮތުން ފިސްކަލް ހުރިހާ ކަންކަން ހިންގާނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެ ފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައި ކަން ކަށަވަރުމަށް ފިސްކަލް ހަމަތަކާއި، އަމާޒުތަކާއި އުސޫލުތައް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.

އިއްބެ ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް ނިމެނީ އޭރަކު ހުންނަ ވެރިޔާ "ހިތުހުރި" ގޮތަކަށް ވެރިކަން ކުރުމަށްފަހު  "އެތައް ބިލިއަަނަކުން" ދަރުވާލާފައި ކަމަށެވެ. އޭނާ ވިދާޅުވި އެކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ.

"އިދިކޮޅު ޕާޓީން މި ބުނަނީ ތިމަންނަމެން ބޭނުމީ ސަރުކާރު ހިންގާނެ ގޮތް ނޫނީ ދަރަނި ދައްކާނެ ގޮތް ކިޔާދޭށޭ. އަޅުގަނޑު ދަންނަވާނީ ނިމިދިޔަ ފަސް އަހަރުގައި މި ބޭފުޅުންނަށް ކީއްވެގެންތޯ ދަރަނި ދެއްކޭނެ ގޮތް ނޭގެންވީ. އާދެ ޝައްކެއްވެސް ނެތް، މި ބޭފުޅުންނަކަށް ނޭނގޭނެ ދަރަނި ދައްކާނެ ގޮތެއް." ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ ހަރަދުކުރީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އެހެންނަމަވެސް އެ ސަރުކާރާ ހިލާފަށް ރައީސް މުއިއްޒުގެ މި ސަރުކާރު ހިންގަމުންދަނީ ރައްޔިތުންނަށް "ދެ ފުށް" ފެންނަ ގޮތަކަށް ކަމަށެވެ.

"އާދެ މިއަދު މި ފެންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ދެ ފުށްފެންނާނެ ގޮތަކަށް ސަރުކާރު ހިންގާތަން އަލަށް މިއަދު ނމި ފެނިގެންދަނީ. އާދެ މި ސަރުކާރަކީ ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލަށް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ގާނޫނެއްގެ ތެރެއިން އެއްވެސް ވެރިއަކަށް ނުވަތަ އެެއްވެސް މިނިސްޓްރީއަކަށް ނުވަތަ ކުންފުންޏެއްގެ ވެރިއަކަށް ކަންކަން ނުކުރެވޭނެ ގޮތަށް ގާނޫނަކުން ބާރުދީގެން އެކަން ކުރަމުންގެންދާ މަންޒަރު މިއަދު މި ފެންނަނީ." އިއްބެ ވިދާޅުވި އެވެ.

 

  1. އިބްރާހީމް

    ދެ ފުށް ފެނެޔޭ. ޞުބުހާނަﷲ ތިހެން ބުނަން ހެޔޮ ނުވާނެ. ސިޔާސީ މަޤާމުތަކުގެ އަދަދުވެސް އޮޅުވާލާފައި ހުރީ.