ހަ ގައުމެއްގެ ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވައިފި

ހަ ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
އެ ރަސްމިއްޔާތު އޮތީ ހެނދުނު ރައީސް އޮފީހުގަ އެވެ.
ރައީސަށް ފަތްކޮޅު އެރުވި ސަފީރުން
- ނޭޕާލް: ބަޝޫ ދޭވް މިޝްރާ
- އެރިޓްރިއާ: އަލެމް ސަހާއި ވުލްދެމާރިއަމް
- ސްރީލަންކާ: ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަދެނާ
- ކޮލަމްބިއާ: ޑރ ވިކްޓާ އެޗެވެރީ ޖަރަމިލޯ
- ފިލިޕީންސް: ލިއޯ ޓީޓޯ އެލް އައުސަން، ޖޫނިއާ
- އިޓަލީ: ޑެމިއާނޯ ފްރެންކޮވިގް

ފަތްކޮޅު އެރުވި ސަފީރުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ވިޔަފާރީ އާއި އިގްތިސާދުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުންވެސް މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.
ދެކުނު އޭޝިޔާގައި ހިމެނޭ ނޭޕާލްގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް، ހާއްސަކޮށް ސިއްހީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ނޭޕާލް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.