ޚަބަރު ރައްޔިތުންގެ މަޖިލިސް

މުޖުތަމައުގައި ހުރި މައްސަަލަތަކަށް ހައްލު ހޯދޭނީ ނިޒާމު އެއްކޮށް މަސައްކަތް ކޮށްގެން: ސީޕީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މުޖުތަމައުގައި ހުރި މައްސަަލަތަކަށް ހައްލު ހޯދުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް ޖުމްލަ ހައްލެއް ހޯދޭނީ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއް އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރަކު ކުރި ސުވާލަކަށް ތަފާސް ހިސާބުތަކާ ހަވާލާދީ ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ ކޮންމެ ކަމެއް ވެސް ފެއްޓެނީ ފުލުހުން އެތަނަކަށް ރެސްޕޮންޑްކުރާ ހިސާބުން ކަމަށެވެ. އެ ހިސާބުން ފެށިގެން ދެން ދިމާވަނީ ނިޒާމުގައި ހުންނަ އެކި މައްސަލަތަކާ ކަމުގައި ޝުޖާއު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ދޭން ޖެހޭ މީހުން ތިބެން ޖެހޭނީ އެމީހުންނަށް ފަރުވާ ލިބޭ ފަދަ ތަންތަނުގައި ކަމަށާއި މަގުމަތީގައި ނޫންކަން ފާހަގަކުރައްވާ ޝުޖާއު ވަނީ މާލޭގައި "އައްޑާ" ތަކުގެ ގޮތުގައި ބޭނުންކުރާ ގިނަ ތަންތަނުގައި "ބޮޑުތަޅު" އަޅުވާއިރު އެފަދަ ތަންތަން ނައްތާނުލެވެންވީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދިމާވާ ދަތިތަކާއި ޑްރަގުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ފޮނުވަން ޖެހޭ ފަރާތްތަކަށް އެ އިދާރާގެ ފަރާތުން ފޮނުވާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމަށް އޮތް ހައްލަކީ ނިޒާމު ބައްޓަން ކުރެވިފައި އޮތް ގޮތުން ވެއްޖިއްޔާމުން އެކަމަށް ވެސް އެބައޮތޭ އެކި އެޖެންސީތައް ހަދާފައި. އެކި އެޖެންސީތަކުން ކުރަން ޖެހޭ މަސައްކަތްތައް ޑިފައިން ކުރެވިފައި،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މިހާރު ހުރި މައްސަލަތަކުގެ ހައްލަކަށް ބޭނުންވެގެން އެކަމާ ގުޅޭގޮތުން ކިތަންމެ ވަރަކަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް އެކަމަކުން މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމުގަ އެވެ. ޝުޖާއު ވިދާޅުވީ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ މި މާހައުލާ ގުޅޭގޮތަށް ގާނޫނުތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ މޮޅެތި ގާނޫނުތަކާއި ޕްރޮސީޖާސްތައް ހެދުމުގެ ބަދަލުގައި ތަންކޮޅެއް ޕްރެކްޓިކަލީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އެކަން އެންމެ ފަސޭހައިން ކުރެވޭނެ ގޮތަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން،" ޝުޖާއު ވިދާޅުވި އެވެ.

ފުލުހުންނަށް ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ދައްކާފައިވާނެކަން ފާހަގަކުރައްވައި ޝުޖާއު ވަނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ސީޕީ ވިދާޅުވެފައި ވަނީ ފުލުހުންނަކީ ޕޮލިސީ ކަނޑައަޅަން ތިބޭ ބައެއް ނޫން ކަމަށެވެ. ފުލުހުންނަކީ ތަންފީޒުކުރަން ތިބޭ ބައެއް ކަމަށާއި އެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލު ކުރުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ މަސައްކަތްތައް ގުޅިގެން ކޮށްގެން ނޫނީ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަމުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!