ޚަބަރު

އިރާންގެ އާ ރައީސަށް ރައީސް މުއިއްޒުގެ ތަހުނިޔާ، ގުޅުން ބަދަހިކުރައްވާނެ ކަމަށް ވިދާޅުވި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އިރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

Ads by STELCO

ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އިރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވެމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ސަރަހައްދުގައި ސުލްހައާއި ފާގަތިކަން ގާއިމު ކުރެއްވުމަށް އިރާނުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދެން،" ރައީސް ލިޔުއްވާފައިވެ އެވެ.

އިރާންގެ ރިޔާސީ އިންތިހާބު ބޭއްވީ، އެ ގައުމުގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ލިބުނު އަނިޔާތަކާ އެކީ އެމަނިކުފާނު އަވަހާރަވުމުންނެވެ.

އެ ގައުމުގެ ރިޔާސީ އިންތިހާބު މަސްއޫދު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުންނެވެ. ދެވަނަ ބުރުގައި އޭނާއާ ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބިވަޑައިގަތީ 45 ޕަސެންޓެވެ. މަސްއޫދަށް 55 ޕަސެންޓެވެ.

ފުރަތަމަ ބުރުގެ ވޯޓުގައި ވެސް ކުރި ހޯއްދެވީ މަސްއޫދެވެ. އޭނާއަށް އެ ބުރުގައި 44 ޕަސެންޓު ލިބިވަޑައިގަތް އިރު ސައީދު ޖަލީލީއަށް ލިބިވަޑައިގަތީ 40 ޕަސެންޓެވެ. ދެވަނަ ބުރު ބޭއްވީ އިންތިހާބު ކާމިޔާބު ކުރުމަށް މަދުވެގެން 50 ޕަސެންޓު ހޯދަން ޖެހޭތީ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!