ޚަބަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ސްކޭމް ކޯލްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން ފާހަގަ ވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން އެދިއްޖެއެެވެ.

Ads by STELCO

އެ ވުޒާއިން މިއަދު އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ސްކޭމް ކުރަން ގުޅަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ނަމުގައެވެ.

އެ މީހުން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެއެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ, ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސްކަމަކަށް އެ މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ދޭކަށެއް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންނާއި ގުޅޭ ކަންކަމުގައި މި މިނިސްޓްރީން މުއާމަލާތް ކުރަމުންދާނީ އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެއީ ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީޢާއިންނެވެ.

މިނިސްޓްރީން ބުނީ، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ކޯލެއް ލިބިއްޖެ ހިނދެއްގައި، އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ޔަޤީންވާ ކަމުގައި ވަނީނަމަ ނޫނީ ގުޅާ މީހަކީ މިނިސްޓްރީގެ މުވައްޒަފެއްކަން ކަށަވަރުކުރެވިފައިވާ ޙާލަތުގައި މެނުވީ އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާ ނުކުރެއްވުން އެދޭ ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެއްވުން އެދޭ ކަމަށް ވެސް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!