ޚަބަރު

ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބީ އެމްޑީޕީގެ ވެރިން ކަމަށް ތުހުމަތުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަމަލާ އަކީ އެމްޑީޕީގެ އިސްވެރިން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ތުހުމަތުކޮށްފި އެވެ.

Ads by STELCO

މިނިސްޓަރު އެފަދަ ތުހުމަތެއް ކުރީ މިރޭ ޕީއެންސީ ޖަގަހާ ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވާހަކަތައް ދައްކަވަމުންނެވެ.

"އެމްޑީޕީގެ އެތެރޭގެ ވޭތުވެދިޔަ 5 އަހަރު ރައީސް ނަޝީދު މަގުމައްޗަށް ނެރެ އެކަހެރިކޮށް ރައީސް ނަޝީދު ރާއްޖޭގެ މަޖީދީމަގު ކައިރިއަށް ގޮއްވާލަން މި ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރީ، އެމްޑީޕީގެ ލީޑާޝިޕްގެ ތެރެއިން" ފައިސަލް ވިދާޅުވި އެވެ. އެކަމަކު އެ ތުހުމަތު ކުރެއްވި ސަބަބެއް ނުވަތަ އެކަމުގެ ތަފްސީލަކަށް ނުދެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި އިތުރު މައުލޫމާތުތަކެއް އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. އެ މައުލޫމާތު ހިއްސާކުރަން ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ގައްސާނު އަރިހު އެދިވަޑައިގެންފައިވެ އެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު އަވާހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ސެކުއިރިޓީއާއެކު މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެއީ ކަންމަތީގައި ޕާކުކޮށްފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ބޮން ގޮއްވާލައިގެނެވެ.

މި މައްސަލާގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިހާތަނަށް ހުކުމާ ހަމައަށް ވާސިލުވެފައި ވަނީ އެންމެ މީހެކެވެ. އޭގެ އަމަލީ ގޮތުން ބައިވެރިވެ އެ ވަގުތު އެ ސަރަހައްދުގައި ރިމޯޓް ހިފައިގެން އުޅުނު އަހުމަދު އަދުހަމް އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ކުށަށް އިއުތިރާފު ވުމުންނެވެ.

ދެން މި މައްސަލާގައި ހިމެނޭ އެންމެންގެ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުގައި އަދި ނުނިމެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!