އޮޑިޓްތައް ލަސްވާ ބައިވަރު ސަބަބު އެބަހުރި، ބިރުދެއްކުން ވެސް ކުރިމަތިވޭ
އޮޑިޓް ރިޕޯޓުތައް ލަސްވުމުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީހުން ވެރިން ވަނީ ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް ވިދާޅުވީ ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އޮޑިޓް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ނުލިބުމަކީވެސް އޮޑިޓް ރިޕޯޓުތައް ލަސްވާ ބައެއް ސަބަބުތައް ކަމަށެވެ.
އަދި މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުންނާއި ބިރު ދެއްކުމަކީ މަދުން ނަމަވެސް ދިމާވާކަން ނަސީމް ފާހަގަކުރި އެވެ.
"އޮޑިޓުތައް ލަސްވުމުގައި ބައިވަރު ސަބަބުތައް އެބަހުރޭ. ގާނޫނީ ގޮތުން އަޅުގަނޑުމެންގެ ޕްރެޒެންޓޭޝަނުގައި ފާހަގަކުރި ގޮތަށް ބިރު ދެއްކުމުގެ ކަންތައްތަކަކީ ވެސް ކޮންމެވެސް ސިފައެއްގައި އަޅުގަނޑުމެންނަށް ހުރި ތްރެޓެއް އަސްލު،" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އޮޑިޓް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެގޮތަށް ލިބޑ "ތްރެޓް" ތަކުގައި މުދަލަށް ގެއްލުންދޭ ހިސާބަށް ވެސް ކަންކަން ހިނގާފައިވާ ކަމަށެވެ.
އެގޮތަށް ބިރު ދައްކަނީ ކޮން ބައެއްކަން އެނގޭނަމަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުނީސް ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެ ވިދާޅުވާ "ތްރެޓް" އެއް އަންނަނީ ކޮންބައެއްގެ ފަރާތުން ކަމެއް ނަސީމް ހިއްސާއެއް ނުކުރެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ހުންނަ ގާނޫނުތަކާއި އޮޑިޓް އޮފީހަށް ހާއްސަކުރެވިފައިވާ ގާނޫނުގައި ތަފާތުތަކެއް ހުރުމުން ދަތިތަކާ ދިމާވާ ކަމަށެވެ. ނަސީމް ވިދާޅުވީ ގާނޫނީ ގޮތުން ލިޔެކިޔުންތައް ސިއްރުގެ ގޮތުގައި ބަހައްޓަން މުއައްސަސާތަކަށް ލާޒިމު ކުރުމުން، އެ ތަންތަނުން އޮޑިޓް އޮފީހަށް ލިޔުންތައް ސިއްރު ކުރާ ކަމަށެވެ. އޭނާ ވަނީ އެފަދަ ކަންކަމާ ގުޅިގެން އޮޑިޓް ކުރުމަށް ދަތިވާކަން ހާމަކޮށްފަ އެވެ.
"ގާނޫނީ ގޮތުން އެހެން މުއައްސަސާތައް އަމަލުކުރަން ލާޒިމުކުރާ ގާނޫނެއްގައި ލިޔެކިޔުންތައް ސިއްރު ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށް ބުނާއިރު، އެ ލިޔެކިޔުންތައް އެންމެ ފުރަތަމަ ސިއްރުކުރާ ބަޔަކީ އޮޑިޓަ ޖެނެރަލް އޮފީހަށް ކަމަށް އެބަވޭ. އެހެންވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެ ތަންތަނުގެ އޮޑިޓެއް ނުކުރެވޭ. އެ ލިޔެކިޔުންތައް އެބަހުރޭ ކަންމަތީ ފިހާރައަށް ވެސް ގޮސްފައި. އެކަމަކު އެ ފިހާރައިގައި ހުންނައިރު ވެސް، އޮޑިޓަ ޖެނެރަލް އޮފީހުގެ މައްޗަށް އެ ބޭފުޅުންގެ ގާނޫނުގައި އޮތް އޮތުމުގެ ތެރެއިން އެބަ ސިއްރު ކުރޭ،" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވި ގޮތުގައި އެއްވެސް މުއައްސަސާއެއްގައި ހުރި ލިޔެކިޔުމެއް އޮޑިޓް އޮފީހަށް ސިއްރު ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް އޮވެގެންވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަސީމް ވަނީ ގާނޫނީ ގޮތުން އެހެން ހުރި ކަންކަން ހައްލު ކޮށްދެއްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އެދިިފަ އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްދިން ނަމަވެސް އޭގައިވާ ގޮތަށް ފައިސާ ނުލިބޭ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ފައިސާ ދިނުމުގައި ހިފެހެއްޓުންތައް ހުރުމާ އެކު އެ އޮފީހުން ވެސް ފައިސާ ހަމަޖެއްސުމުގައި އަމަލުކުރަން ޖެހެނީ އާންމު އެހެން އޮފީސްތަކެކޭ އެއްގޮތަށް ލިޔެގެން ކަމަށެވެ.
ހަމަ އެގޮތަށް އެ އޮފީހުގެ މުސާރައިގެ އޮނިގަނޑު އޮތީ އެންމެ ފުރަތަމަ މިނިވަން އޮޑިޓަރެއް ހަމަޖެއްސުމަށް 2008 ވަނަ އަހަރު އެކުލަވާލި ގޮތަށް ކަމަށް ނަސީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން އެ އޮފީހުގައި ތިބި އެންމެ ތަޖުރިބާހުރި މުވައްޒަފުން އެހެން ތަންތަނަށް ބަދަލުވާ ކަމަށާއި އެކަމުން ވެސް އޮޑިޓުތައް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.