ބޮޑެތި މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ރައްކާތެރިކަން ދޭންޖެހޭ: ތޯރިގް

ބޮޑެތި މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ރައްކާތެރިކަން ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
މެެމްބަރު މިގޮތަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ޖިނާއީ ކުށްތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގަ އެވެ.
ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިބާ ކްރިމްތައް ކުރަމުންދާ ގޮތް ފުޅާކުރަމުންދާކަން ފާހަގަކުރައްވަމުން ޓޮމް ވިދާޅުވީ އެ ކުށްތައް ތަހުގީގުކުރާ ފުލުހުންގެ އިދާރާގައި "އެވަރުގެ ފަންނީ ބައެއް ނެތް ނަމަ" އެ ކުށްތައް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެފަދަ ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގުކުރަމުންދާ ފުލުހުންނަށް ރައްކާތެރިކަން ލިބެންޖެހޭ ކަމަށެވެ.
"ބައެއް ފަހަރު ފުލުހުންގެ އިދާރާގެ އައިއޯއެއް މަސައްކަތް ނިންމާލާފަ ގެއަށްދާއިރުގައި އެބަ ހަމަލާދޭ މަގުމަތިން. އޭނައަށް ޔަގީންކަމެއް ނޯވޭ އޭނާއާއި އޭނާގެ އަނބިދަރިންގެ ސަލާމަތްތެރިކަމާ ދޭތެރޭ. މި ހިސާބަށް ދާ ކަމަށްވަންޏާ އެމީހުން ވެސް ތިބޭނީ ބިރުވެރިކަމެއްގެ ތެރޭގައި" މެމްބަރު ވިދާޅުވި އެވެ.
ޓޮމް ވަނީ ވަށާޖެހޭ ގޮތަކަށް ފުލުހުންގެ ދަތިތައް ހައްލުކުރާނަމަ، ބޮޑެތި ކުށްތަކުގެ ތަހުގީގު ކުރާ ފުލުހުންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލާފަ އެވެ.
"ވަށާޖެހޭ ގޮތަކަށް އަޅުގަނޑުމެން ކަންތައްތައް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން އެބަޖެހޭ ފުލުހުންގެ އިދާރާގަ ތިބި ހާއްސަކޮށް މިފަދަ ބޮޑެތި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް އެމީހުންގެ ޕްރޮޓެކްޝަން އެއްވެސް ދޭން" ޓޮމް ވިދާޅުވި އެވެ.