އުޅަނދުތައް މޮނީޓާކުރަން ކަސްޓަމަށް އެމެރިކާ އާއި ޗައިނާއިން ޑްރޯން ގެންނަނީ
ރާއްޖެ އަންނަ އުޅަނދުތައް މޮނީޓާ ކުރަން އެމެރިކާ އާއި ޗައިނާއިން ޑްރޯން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ރާއްޖެ އަންނަ އުޅަނދުތައް މޮނިޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި ވަސީލަތްތައް ގާއިމުވެފައި ނެތް ކަމަށެވެ.
ކަސްޓަމަށް ވަސީލަތްތައް އިތުރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ޖަޕާން ސަރުކާރުގެ އެހީގައި 85 ފޫޓުގެ އުޅަނދެއް ލިބޭނެ ކަމަށް މާނިއު ވިދާޅުވި އެވެ. މާނިއު ވިދާޅުވެފައި ވަނީ ޗައިނާ ސަރުކާރާ އެކު ކުރެވެމުން އަންނަ މަޝްވަރާތަކުގެ ތެރެއިން އަންނަ އަހަރު ދެ އުޅަނދު ލިބޭނެ ކަމަށާއި އެމެރިކާއިން ވެސް އުޅަނދެއް ގެންނާނެ ކަމަށެވެ.
އެ އުޅަނދުތަކުގެ އިތުރުން އެމެރިކާއިންނާއި ޗައިނާއިން ޑްރޯން ގެންނަން މަސައްކަތް ކުރަމުން އަންނަކަން މާނިއު ފާހަގަކުރެއްވި އެވެ. އެކަމަކު އެއީ އެ ގައުމުތަކުން ހަދިޔާކުރާ ޑްރޯންތަކެއް ނުވަތަ ގަންނަ ޑްރޯންތައް ކަމެއް ވިދާޅެއް ނުވެ އެވެ.
މާނިއު ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން އަންނަ އުޅަނދުތަކަށް ފިޒިކަލީ ގޮސްގެން ނޫނީ މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް މިހާރު ކަސްޓަމަށް ނޯންނަ ކަމުގަ އެވެ.
"މިހާރު ބޭރުން މި އަންނަ ވެސެލްސްތައް މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަށް ފިޒިކަލީ ގޮސްގެން ނޫނިއްޔާ. ދެން މިވާ ގޮތަކީ ހަމަ ދައުލަތުގެ ހަރަދު ބޮޑުވާނީ. އޭގެ ބަދަލުގައި ޑްރޯނެއް ފޮނުވާފައި މޮނީޓާ ކުރެވޭނެ ގޮތް ވެއްޖިއްޔާ، ތްރެޓެއް އެއްޗެއް އުޅެންޏާ ވެސެލްއެއް ފޮނުވާ ކަހަލަ ގޮތަކަށް މި ހަމަޖައްސަނީ،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ ރާއްޖޭގެ ބޯޑަރަށް އެތެރެވާ އުޅަނދުތައް މޮނީޓާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ އެމްއެންޑީއެފާއި ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. ޑްރޯންތައް ގެނައި ނަމަވެސް އެތަކެތި އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ތެރޭގައި އޮންނަ އެއާކޯ އާ ގުޅިގެން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.