ޖަވާބުދާރީވާން ގަވަރުނަރަށް ފަހު ފުރުސަތު ދީފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމަށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ފަހު ފުރުސަތެއް ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ އިއްޔެ އާއި މިއަދުވެސް އެޖެންޑާ ކުރި އެވެ.
އިއްޔެ އެކޭ އެއްގޮތަށް މިއަދު 11 ޖެހިިއިރު އޮތް ކޮމިޓީގެ ބައްދަލުވުމަށްވެސް ވަޑައިނުގަންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ހާޝިމް ވަނީ އަންގާފަ އެވެ. އެހެންވެ މާދަމާ އިތުރު ފުރުސަތެއް ދޭން ކޮމިޓީން ވަނީ ނިންމާފަ އެވެ.
"... މާދަމާވެސް އަޅުގަނޑުމެން އެ މައްސަލަ އެންމެ ފަހު ދުވަހުގެ ގޮތުގައި ޖަވާބުދާރީވާން ފުރުސަތު ދޭން" ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އެއަށް ފަހު އިތުރަށް ހުރި ކަންކަމާގެން ކުރިއަށް ގެންދާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ކޮމިޓީން ފާސްކުރީ މި މަހުގެ 2ގަ އެވެ. އެގޮތަށް ކޮމިޓީން ނިންމީ:
- ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާމް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފަ؛ އެގޮތަށް އަމަލުކުރުމުން އިގްތިސާދުގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާކަން
- ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ކަމަށްވާތީ ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގޮއުލޭޓްކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތައް ނުފެންނަކަން
- މިނިސްޓަރު ހޯމް އެފެއާޒްއާއި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީއާއި ހިއްސާކޮށްފައިވާާ މައުލޫމާތުތަކުގައި ކުށްކުރަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގަވާއިދުތައް އަދާހަމަކޮށްފައިނުވާ މައްސަލަ ފާހަގަކޮށްފައިވޭ
- 17 ނޮވެމްބަރު 2023 އިން ފެށިގެން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާދިނުމާއި އަދި އެމްއެމްއޭގެ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތް ކޮށްފައިނުވާކަން
- އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު ހާޝިމް އަދާނުކުރައްވާކަން
- މިވަގުތު އެ އޮތޯރިޓީއަަށް އާ ލީޑާޝިޕެއް ބޭނުންވޭ