ޚަބަރު

ހުރިހާ މަސައްކަތެއް ނިންމާ ހަނިމާދޫ އެއާޕޯޓް އަންނަ މާރިޗް މަހު އޮޕަރޭޝަނަށް ގެންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ 67 ޕަސެންޓް ނިމިއްޖެ އެވެ.

Ads by STELCO

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރް މިއަދު ވަނީ ހަނިމާދޫ އަށް ދަތުރެއް ކުރައްވާފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ދަތުރުގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ އެކި މައުލޫމާތުތައް ވަފުދުގެ ބޭފުޅުންނަށް އަރުވާފައިވާ ކަމަށެވެ. އަދި އެންމެފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ޕްރޮޖެކްޓުގެ 67.5 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

މި އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާ އަކަށް ކަމަށްވާއިރު އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!