ގަވާއިދާ ހިލާފަށް އީ-ލާނިން ޕްރޮގްރާމްތައް ނުހިންގަން އެދިއްޖެ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ހުއްދަ ނުހޯދާ އިލާނިން ޕްރޮގްރާމްތައް ކުރިޔަށް ނުގެންދިޔުމަށް އެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
އިއްޔެ ސަރުކާރުގެ ގެޒެޓުގައި އެމްކިއުއޭއިން އާއްމުކުރި އިއުލާނެއްގައި ބުނީ، މަތީ ތައުލީމުދޭ މަރުކަޒުތަކުން އީލާނިންގެ ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ޕްރޮގްރާމް ހިންގާ މަރުކަޒުތަކަކީ ރާއްޖޭގެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމަށް އެމްކިއުއޭއިން އެދެ އެވެ.
އަދި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމަކީ އެމްކިއުއޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން އަދި އެ ޕްރޮގްރާމެއްގެ 'ޑެލިވަރީ މޮޑަލިޓީ' އެ އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރު ކުރުމަށްފަހުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.
އެ އިއުލާނުގައި ބުނީ އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ހާސިލްކުރާ ސަނަދެއް އެ އޮތޯރިޓީން ގަބޫލު ނުކުރާނެ ކަމަށެވެ. އެކަމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެ ކަމުގައި ވެސް ބުންޏެވެ.
އަދި ބުނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.