ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެބަކުރަން: ސަރުކާރު

ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތައް ހިނގަމުންދާތީވެ، އެ ގައުމުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ވެރިރަށް ޑާކާގައި ކުރަމުންދާ މުޒާހަރާތަކުގައި 19 ދަރިވަރަކު މަރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ހަމަނުޖެހުންތަކުގައި ސަރުކާރުގެ އިމާރާތްތަކުގައި ވަނީ ހުޅުވެސް ޖަހާފަ އެވެ.
މިރޭ އާއްމުކުރި ބަޔާނެއްގައި ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ބަންގްލަދޭޝް ސަރުކާރުގެ އިރުޝާދާ އެއްގޮތަށް ބޭރަށް މިދަނޑިވަޅުގައި ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކުރި އެވެ.
އެކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެދެ އެވެ.
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:
-
- ގުޅޭނެ ނަންބަރު: 8801329748885+/ 8801708120318+
- އީމެއިލް އެޑްރެސް: [email protected]
ބަންގްލަދޭޝް އަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ގައުމެކެވެ. މީގެ ތެރެއިން ގިނައީ މެޑިސިން ކިޔަވާ ދަރިވަރުންނެވެ.