ޚަބަރު

ބައި-އިލެކްޝަނަށް ތަރުހީބު ކުޑަ، ވޯޓުލީ 27 ޕަސެންޓް

ފާތިމަތު ނަޝްވާ ، ދެން އޮންލައިން

ކައުންސިލުތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން  ކުޑަ ތަރުހީބަކާ އެކު ނިންމާލައިފި އެވެ.

Ads by Sosun Fihaara

ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން, ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ވޯޓުލުމުގެ ވަގުތު އިތުރެއް ނުކުރެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ހިއްސާކުރި ތަަފާސް ހިސާބުތައް ދައްކާގޮތުން ހަ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބުނީ 13،112 މީހަކަށެވެ. އެއީ 6703 ފިރިހެނުންނާއި 6409 އަންހެނުންނެވެ. މީގެ ތެރެއިން ވޯޓުލާން ނިކުތީ 3528 މީހުންނެވެ. އެއީ 1647 އަންހެނުންނާއި 1881 ފިރިހެނުންނެވެ.

ގަޑި ހަމަވިއިރު ވޯޓުލި މީހުންގެ ނިސްބަތަކީ 26.91 އިންސައްތަ އެވެ. އީސީން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން 9584 މީހަކު ވޯޓުނުލަ އެވެ. އެއީ 73.09 އިންސައްތަ އެވެ.

ބައި-އިލެކްޝަން ކުރިޔަށް ގެންގޮސްފައިވާ ދާއިރާތައް؛

- ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން

- ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން

- ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން

- މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން

- މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން

- މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން

މި ދާއިރާތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ ތިން ގޮނޑި އާއި ކުޅުދުއްފުށީ ކައުންސިލުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ވާދަކުރި ކެންޑިޑޭޓުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!