ބޮލީވުޑް މުނިފޫހިފިލުވުން

އަމްބާނީގެ ދަރިން ބެލެހެއްޓި ނޭނީގެ މަތިން ހަނދާނެއް ނުނެތުނު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މުކޭޝް އަމްބާނީގެ ތިން ކުދިންގެ ނޭނީ އަނަންތު އަމްބާނީއާއެކު

މިދިޔަ ތިން މަހެއްހާ ދުވަހު އިންޑިއާ ހުރިހާ މީޑިއާއެއްގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދީ އެގައުމުގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރި އަނަންތު އަމްބާނީއާއި ރާދިކާ މާޗެންޓުގެ ކައިވެންޏެވެ. ތިން ހަފްލާއަކަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ކައިވެނި މިވަނީ ކޮށްފަ އެވެ. މި ކައިވެނީގެ ހަފްލާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި މަހުޖަނުންނާއި ސެލެބްރިޓީންވެސް ބައިވެރިވި އެވެ.

Ads by Hajj Corporation

އަނަންތުގެ 800 މިލިއަން ރުޕީސްގެ ކައިވެނީގެ އެކި ހަބަރުތައް އެކި މީޑިއާތަކުގައި ދައްކަމުން ދާއިރު ކައިވެނީގެ ހަފްލާގައި ބައިވެރިވި އެކަކު ފާހަގަވި އެވެ. އެއީ ބަތަލާ ކަރީނާ ކަޕޫރު ހާންގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންގެ ނޭނީ ލަލީތާ ޑި ސިލްވާ އެވެ. އޭނާއަކީ ތައިމޫރު ކުޑައިރު އަދި މިހާރު ކަރީނާގެ ހަގު ދަރި ޖޭހް އަލީ ހާންގެ ޕަޕަރާޒީ ފޮޓޯތަކުން ފެނި ފެނި އާންމު މޫނެކެވެ. އެހެންނަމަވެސް އަނަންތުގެ ކައިވެނީގެ ހަފްލާއިން އޭނާ ފެނުނީ ކީއްވެތޯ މީޑިއާތަކުން ސުވާލު އުފެއްދި އެވެ.

ލަލީތާއަކީ ހަގީގަތުގައި ނޭނީއެއް ނޫނެވެ. އޭނާއަކީ ތަމްރީނު ވެގެން ހުރި ނަރުހެކެވެ. އެހެންނަމަވެސް މިދިޔަ ގާތްގަނޑަކަށް 30 އަހަރެއްހާ ދުވަހު އޭނާ މަސައްކަތް ކުރީ އެކި މީހުންގެ ދަރިން ބެލުމުގައި ނޭނީއެއްގެ ގޮތުގަ އެވެ. ކަރީނާ ވިހެއުމުގެ ކުރިން ލަލީތާ ވަޒީފާ އަދާކުރީ މުކޭޝްގެ ގޭގަ އެވެ. އެގޮތުން މުކޭޝްގެ ތިން ދަރިންކަމަށްވާ އާކާޝް އަމްބާނީ, އިޝާ އަމްބާނީ އަދި އަނަންތުގެ ނޭނީގެ ގޮތުގައިވެސް ލަލީތާ މަސައްކަތް ކުރި އެވެ.

ލަލީތާ ބުނި ގޮތުގައި 11 އަހަރު ވަންދެން މުކޭޝްގެ ގޭގައި ލަލީތާ މަސައްކަތް ކުރި އެވެ. އޭގެ ފަހުން މިޙާރު އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އަމްބާނީ އާއިލާއިން ލަލީތާއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަކަމަށް އޭނާ ބުންޏެވެ. އާކާޝް އަދި އިޝާގެ ކައިވެންޏަށްވެސް ލަލީތާއަށް ދައުވަތު ދިނެވެ. އެހެންނަމަވެސް އޭރު ތައިމޫރު ކައިރީގައި ބުރަކޮށް އުޅެން ޖެހުމުން ވަގުތު ނުދެވުނީކަމަށް ލަލީތާ ބުންޏެވެ.

ލަލީތާ ބުނީ އޭނާ މަތިން އަމްބާނީ އާއިލާއިން ހަނދާން ބަހައްޓާތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި އަނަންތުގެ ކައިވެނީގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ ގާތްގަނޑަކަށް ތިން މަހެއް ކުރިން ލަލީތާ ވަނީ ސައުތު އިންޑިއާގެ ސަރި ރާމް ޗަރަންގެ ދަރިފުޅުގެ ނޭނީއެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ރާމްގެ ގޭގަ އެވެ. 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!