ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި އެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަކީ ބަންގީގެ ވަގުތަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް މެދުކަނޑާލުމެވެ.
އެކަމަކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންދުރު ނަމާދުގެ ވަގުތަށް މެދުކަނޑާލައި ރިޔާސަތުން ވަނީ ބަންގީގެ އަޑު އިއްވާފަ އެވެ.
ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފާސްކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދު ކޮމިޓީންނެވެ.
ބަންގި ގަޑިއަށް މަޖިލިސްގެ ޖަލްސާ މެދުކަނޑާލިއިރު ތަޅުމުގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
"މި އިއްޒަތްތެރި މަޖިލީހުގައި ބަންގީގެ އަޑު މިއަދު ގުގުމައިގެން ދިޔުމަކީ މިއީ މަނިކުފާނުގެ ރިޔާސަތުގައި ކުރެއްވި ވަރަށް މުހިއްމު މަސައްކަތެއް،" ޝުޖާއު ވިދާޅުވި އެވެ.