ދަމާ ކޫއްތަމުން ނިޒާމުން ބޭރަށް
- ޕީއެންސީން ދެކެނީ ހާޝިމްއަކީ ޞާލިހުގެ މީހެއްގެ ގޮތުގައި
- އެމްޑީޕީން ބުނަނީ ރައީސް އުޅުއްވަނީ ނުފޫޒު ފޯރުވަންކަމަށް
- ތަކުރާރުވަނީ ސަގާފަތެއް, ބަހުސެއްގެ ބޭނުމެއް ނެތް
މަރުކަޒީ ބޭންކު, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ރައްޔިތުންގެ މަޖިލީހުގައި ދަނީ ކުރިއަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މުގައްރިރަކަށް ހުންނަވައި މާލިއްޔަތު ކޮމިޓީން ވަނީ ހާޝިމް ވަކިކުރުމަށް ތާއީދުކޮށް ރިޕޯޓެއް އެކުލަވާލައިފަ އެވެ.
ހާޝިމް ގަވަރުނަރުކަމުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފް އެވެ. މުޅި މައްސަލައަށް ނަޒަރު ހިންގައިލާއިރު ސަރުކާރު މެމްބަރުންނަށް އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފައިސާ ޗާޕު ކުރަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ގަވަރުނަރު ނުކުރެއްވުމެވެ. މީގެ އިތުރުންވެސް މާލީ ކަންކަމުގައި ގަވަރުނަރުގެ ލަފާ އޭރުވެސް މިހާރުވެސް ރަނގަޅު ނޫންކަމަށް މެމްބަރުން ފާހަގަކުރެ އެވެ.
މި ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުގައްރިރު ގާސިމް އެވެ. ހުޅުވައިލި ބަހުސްގެ ފުރުސަތުގައި ގިނައިން ވާހަކަ ދެއްކެވީ ޕީއެންސީގެ މެމްބަރުންނެވެ.
ހާޝިމް މަސައްކަތް ކުރެއްވީ ޞާލިހުގެ ނުފޫޒުގައި
ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޞާލިހުގެ ސަރުކާރުގަ އެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ މެމްބަރުން ފާހަގަކުރެއްވި އެއް ނުކުތާއަކީ ހާޝިމްގެ މައްޗަށް ރައީސް ޞާލިހުގެ ނުފޫޒު އޮތްކަމެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ވާހަކަފުޅު ފެއްޓެވީ ކުރީ ސަރުކާރުގެ ވާހަކައިންނެވެ. އެގޮތުން ވިދާޅުވި ގޮތުގައި ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ގަވަރުނަރަކަށް ހުންނެވި ބޭފުޅާއާއިމެދު ހިތްހަމަ ނުޖެހުނީ އެމަނިކުފާނު ބޭނުންވާ ގޮތަށް ކަންކަން ނުކުރައްވާތީ އެވެ. އެހެންވެ ނުފޫޒު ހިނގާނެފަދަ ބޭފުޅަކު މަގާމަށް އައްޔަނު ކުރެއްވީ އެވެ.
“އެމްއެމްއޭއަކީ އޭރު ހުރި ދިދައެއް. އެހެންމަ އަލީ ހާޝިމަކަށް އެއްވެސް އާރެއް ބާރެއް ނެތް, އަނެއްކާ އަލީ ހާޝިމަކަށްވެސް ކުރިމަތިލާކަށް ނުކެރުނު ރައީސަކަށް ހުންނަ ބޭފުޅާއާ ކުރިމަތިލައިގެން އެކަން ކާމިޔާބު ކުރާކަށް”
ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފު ވިދާޅުވީ މިއަދު ގައުމުގެ ހާލަތަށް ބަލައިލުމުން ގަވަރުނަރުގެ އިހުމާލު ފެންނަން އޮތްކަން ސާފުވާކަމަށެވެ. ކޮވިޑް-19 ގެ ހާލަތަށް ފަހު މާލީ ކަންކަން ގޮސްފައިވާ ހިސާބު އޮޅުންފިލުވައިދިނުމަށް ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް މަރުކަޒީ ބޭންކުން ފޯރުކޮށްދީފައި ނުވުމަކީ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ހުސައިން ފާހަގަކުރެއްވި އެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔައިރު އެކަމާއި ގުޅިގެންވެސް އެމްއެމްއޭއިން ސްޓޭޓްމެންޓެއް ނެރެފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ޖަވާބުދާރީވާންވެސް ބޭނުން ނުވީ
ހުސައިންގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ މަޖިލީހަށް މައްސަލަ ހުށަހެޅި ޖަވާބުދާރީވާން ކޮމިޓީއަށް ހާޒިރުވުމަށް ތިން ދުވަސްމަތިން އެދުމުންވެސް ހާޒިރުވެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ.
މިމައްސަލައިގައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދެއްކެވީ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. ގާސިމް ވިދާޅުވީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް އެރުވި ތިން ފުރުސަތުން ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އޭގެ ފަހުން ލިޔުމުން ޖަވާބު އެރުވިނަމަވެސް ތިންވަނަ ފަހަރު ހާޝިމް އެދިލެއްވީ އިތުރު ކަމެއްގައި ޖަވާބު ބޭނުންފުޅުވާނަމަ ސިޓީއަކުން ދެންނެވުމަށެވެ. މިހެންވުމުން ހާޝިމް ކޮމިޓީއަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވީކަމަށް ގާސިމް ވިދާޅުވި އެވެ.
އިތުރު ކަމެއްވެސް ގާސިމް ފާހަގަކުރެއްވި އެވެ. ގަވަރުނަރު ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިގެން ކުރިއަށް ގެންދިޔަނަމަވެސް ރައީސް ޑރ. މުއިއްޒުގެ ނުފޫޒެއް މިމައްސަލައިގައި ނެތްކަމެވެ. އެގޮތުން ކޮމިޓީގައި މަސައްކަތް ކުރިއަށް ގެންދިޔައިރުވެސް ވަކި ގޮތަކަށް ކަން ކުރައްވަން އެއްވެސް މެމްބަރަކަށް ރައީސް އަންގަވާފައި ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.
“އެހެންނަމަވެސް ޕަބްލިކް ތެރޭގަ މިދެންނެވި މައްސަލަތައް އެބަހުރި. އެއާއެކީގަ ކޮމިޓީން އަމިއްލައަށް އިސްނަގައިގެން މިމައްސަލައިގަ މިހާ ހިސާބަށް ކަންކަން ގޮސްފަ މިވަނީ”
ހާޝިމަށްވުރެއް ގާބިލު މީހުން އެބަ ތިބި
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުވެވެސް ވަނީ ސަމާލުކަން ހޯދި ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެގޮތުން ގަވަރުނަރުގެ މަސްއޫލިއްޔަތު ހާޝިމް އަދާކުރައްވަމުން ނުދާތީ މާލީ ނިޒާމު ހުއްޓިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން އެގޮތަށް ދޫކޮށްލައިގެން ސަރުކާރަށް ނޯވެވޭނެ ކަމަށާއި ގާބިލު މީހުން ރާއްޖޭގައި އެބަ ތިބިކަމަށް އޭނާ ވިދާޅުވި އެވެ.
“ގާނޫނީ ގޮތުން ޒިންމާ ނުނެގީމާ, އެކަން ނުކުރީމާ އެކަން ސާފު ކުރުމަށްޓަކާ ގާނޫނުން ޒިންމާކޮށްފައިވާ މުއައްސަސާ.. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމަނިކުފާނު ތިން ފަހަރަށް ހާޒިރުވެވަޑައިގަންނަވަން އެދި ދެންނެވީމާވެސް ހާޒިރެއް ނުވި”
ހާޝިމް އަބަދު ބަލި ހާލުގައި ހުންނަވާކަމަށް އުޒުރު ދައްކަވާނަމަ މާލީ ނިޒާމުގައި މަސައްކަތް ކުރެވޭނެފަދަ ބޭފުޅަކު އެމަގާމަށް އައްޔަނު ކުރަންޖެހޭކަމަށް މެމްބަރު ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބޭނުންވަނީ ނުފޫޒު ފޯރުވޭނެ ގަވަރުނަރެއް
އިދިކޮޅު އެމްޑީޕީގެ ވިސްނުން މިކަމުގައި ވަރަށް ތަފާތެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވީ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ ރައީސް ޑރ. މުއިއްޒު ބޭނުންވެވަޑައިގަންނަވާ ގޮތަށް އެމްއެމްއޭގެ މަސައްކަތްތައް ކުރިއަށް ނުދާތީ އެވެ. މަގާމުގެ ހައިސިއްޔަތުން ގަވަރުނަރު ލަފާ ދެއްވިނަމަވެސް އެކަން ސަރުކާރުން ގަބޫލު ކުރަން ބޭނުން ނުވާކަމަށް އަހުމަދު ދީދީ ވިދާޅުވި އެވެ.
“… ވަރަށް ބޮޑަށް ފާހަގަވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު, މިނިވަން މުއައްސަސާތަކަށް ބާރު ފޯރުވުމަށް ކުރެވެމުންދާ ސިލްސިލާ މަސައްކަތުގެ ފެށުމެއްކަމަށް,”
އޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރައްވަނީ ރައީސް މުއިއްޒު ބޭނުންވާގޮތަށް ހައްދަވާނެ ބޭފުޅަކު އައްޔަނު ކުރެއްވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން ފާހަގަކޮށްފައިވާ ނުކުތަތަކަކީ ވަރަށް ޒާތީ ކަންތައްތަކެއް ކަމަށް އަހުމަދު ދީދީ ވިދާޅުވި އެވެ.
ގަވަރުނަރު ފިނޭންސް މިނިސްޓްރީއަށް ދެއްވާ ލަފާގެ ބަދަލުގައި މިނިސްޓްރީން އެމްއެމްއޭއަށް ދޭ ލަފާއަށް އަމަލު ނުކުރައްވާތީ, ރައީސްގެ ބާރާއި ނުފޫޒު ހިނގާ ބޭފުޅަކު ގަވަރުނަރަކަށް އައްޔަނު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އަހުމަދު ދީދީ ވިދާޅުވި އެވެ.
“…މިއަދު ހެނދުނު ބަހުސްތަކުގަ ސަރުކާރަށް ނިސްބަތްވާ އިއްޒަތްތެރި ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވި މިނިވަން މުއައްސަސާތަކަށް މިނިވަންކަން ދޫކޮށްލަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާކަމަށް ދެއްކެވި ވާހަކަތަކާ ތައާރުޒުވާފަދަ ކަމެއް މި ކުރައްވަނީ”
ތަކުރާރުވަނީ ސަގާފަތެއް, ބަހުސްގެ ބޭނުމެއް ނެތް
ކޮންމެ ސަރުކާރެއް ބަދަލުވުމާއިއެކު ކެބިނެޓުގައި ތިއްބަވާ ވަޒީރުންނާއި އެސްއޯއީތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކަށް ބަދަލު އާދެ އެވެ. މިއީ ސިޔާސީ މަގާމުތައްކަމުން ސަރުކާރު އެކުލަވައިލާއިރު މަގާމުތައްވެސް އަލުން އެކުލެވިގެން ދެއެވެ. ގާނޫނު އަސާސީގައި ސާފު ބަހުން ލިޔެވިފައި ނުވިނަމަވެސް މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނަށްވެސް މިގޮތަށް ބަދަލު އަންނަކަމީ މިދިޔަ ދިގު މާޒީން ފެންނާން އޮތް ހަގީގަތެކެވެ.
ކޮންމެ ސަރުކާރެއްގައިވެސް އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނަވަނީ ރައީސްގެ ރުހުން އޮންނަ ބޭފުޅެކެވެ. ބްރޯޑްކޮމްގައި ތިއްބަވަނީ ސަރުކާރުން ރުހުންދޭ ކޮމިޝަނަރުންނެވެ. މިހެން ގޮސް އޭސީސީއާއި އެޗްއާރުސީއެމްގައިވެސް ތިއްބަވަނީ ސަރުކާރުން ތާއީދު ކުރާ މެމްބަރުންނެވެ. އެހެންކަމުން ގަވަރުނަރުގެ މަގާމާއިމެދު މިހާރު އަމަލު ކުރެވެމުންދަނީ ހަމަ މިއުސޫލުގެ ތެރެއިންނެވެ.
ހާޝިމް މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ފެށިއިރުވެސް މައްސަލަ ނިމޭނީ އެމަގާމަށް އެހެން ބޭފުޅަކު އައްޔަނުކޮށްގެންކަން އޮތީ ކަށަވަރު ކުރެވިފަ އެވެ. ހާޝިމް ވަކިކުރަން މަޖިލީހުން ރައީސަށް މިއަދު ލަފާ އެރުވިއިރު ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަހު މަޖިލީހުގައި ކުރި މަސައްކަތްތަކަކީ ހަމައެކަނި ކަޅާއި ހުދުން ލިޔެފައިވާ ނުކުތާތަކަކަށް ތަބާވުމުގެ ގޮތުން ކުރި މަސައްކަތްތަކެކެވެ. މިމައްސަލައިގައި މަޖިލީހުގައި ކުރި ބަހުސްތަކާއި ކޮމިޓީގައި ދެއްކެވި ވާހަކަތަކަކީވެސް ހަގީގަތުގައި މާ ބޮޑު ބޭނުމެއް އޮތް ވާހަކަތަކެއް ނޫނެވެ.
ހަމަ ބަރާބަރަށް ތިހެދީ