ޚަބަރު

ރައީސް އޮފީހުން މައުލޫމާތު ނުދޭ މައްސަލަ ތަހުގީގުކުރަން ފުލުހަށް ފޮނުވައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައީސް އޮފީހުން މައުލޫމާތުނުދޭ މައްސަލަ ވަނީ ފުލުހަށް ފޮނުވާފައި/ ފޮޓޯ: ދެން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ހުށަހެޅި މައްސަލައިގައި ޖިނާއީ ކުށެއްގެ އަމަލެއްވެތޯ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ފުލުހުންނަށް އަންގައިފި އެވެ.

Ads by Sosun Fihaara

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން ހޯދަން އެދުނު މައުލޫމާތެއް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އެންގެވި އެންގެވުމަށް އަމަލުނުކޮށްގެން އެ މައްސަލަ ޕީޖީއަށް ހުށަހެޅީ އިއްޔެ އެވެ.

އެ ގާނޫނުގައި ބުނާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕީޖީއަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅެ އެވެ. 

މި މައްސަލައާ ގުޅިގެން މިއަދު ޕީޖީން ބުނީ އައިކޮމްގެ ފަރާތުން "ޝިފާން އަހުމަދު ވ ރައީސް އޮފީހާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މައްސަލަ" އިގަ ކޮމިޝަނަރުގެ ނިންމެވުން އިސްތިއުނާފުނުކޮށް އަމަލުވެސް ނުކޮށް 45 ދުވަސް ފާއިތުވެފައިވާތީ މައްސަލައިގެ ލިޔުންތައް އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. މި މައްސަލައިގަ ތަހުގީގުކުރާނީ ފުލުހުންގެ ހިދުމަތުން ނެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި ތަހުގީގު ކޮށް،، ތަހުގީގުގެ ހޯދުންތަކާއެކު އެ އޮފީހަށް ފޮނުވަން މިއަދު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. 

"މިއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، އާންމު މައްސަލަތަކާ ހިލާފަށް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ މި އޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، މި ތަހުގީގް ހިނގާގޮތް މި އޮފީހުން ދާނީ ގާތުން ބަލަމުންނެވެ. މި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަގެ ހޯދުންތަކަށް ބަލައި، އެކަމުގައި ޢަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިންނެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!