ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޯލްފީއެއް ނަގަނީ

މާލެއިން ހުޅުމާލެއާ ހަމައަށް ގުޅާލާފައިވާ ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޯލްފީ ނެގުމަށް ނިންމައިފި އެވެ.
މި ކަން ބަޔާންކޮށްފައިވަނީ މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ހިމަނައިގެން ފަރުމާކޮށްފައިވާ "މާލެ ފަހި" ޕްރޮގްރާމްގެ ބުކްލެޓްގަ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރި އެ ޕްރޮގްރާމުގެ ފޮތުގައި ލިޔެފައިވާ ގޮތުން ޓޯލް ފީ ނަގަން ނިންމި ސަބަބަކީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެފަދަ ފީއެއް ނެގުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒު ކުރުމަށެވެ.
ނަމަވެސް މިކަން ކުރަން ފަށަން ނިންމާފައިވާ ތާރީޚެއް ނުވަތަ ނަގާނީ ކިހާވަރެއްކަން ބަޔާންކޮށްފައެއް ނެތެވެ. އެ ބުކްލެޓްގައިވާ ގޮތުން ޓޯލް ނެގުމަށް ހަމަޖެހިފައިވަނީ ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ މަޝްވަރާގެ މަތިންނެވެ. ޓޯލް ނެގުމަށް ކުރަން ޖެހޭ ދިރާސާތައް އަންނަ މަހު ފަށާނެކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް މުއިއްޒު ހުންނަވައި ނިންމަވާފައިވެ އެވެ. ނަމަވެސް ދެން އައި، އެމްޑިޕީގެ ސަރުކާރުން ސިޔާސީ ޕްރެޝަރާހުރެ އެ ނިންމުން ތަންފީޒެއް ނުކުރެ އެވެ.
ބްރިޖާއި ހައިވޭތަކުން ޓޯލް ފީ ނެގުމަކީ ކުރިއަރާފައިވާ ޤައުމުތަކާއި އަދި ކުރިއަރަމުންދާ ޤައުމުތަކުގައި ވެސް ކުރާ ކަމެކެވެ.