ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނަން: އިހުސާން
އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން އެހެން ވިދާޅުވީ "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.
އިހުސާން ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން އަދި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް، ބާރަށް އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވުން ވެސް ހުއްޓުވާނެ.
މިނިސްޓަރު ވިދާޅުވީ މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް ރައީސްގެ ހާއްސަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގަ އާއި، ސްކޫލްތަކުގެ ކައިރި އާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން މަގުތަކުން ގެތަކަށް ވަދެވޭނެ ހާއްސަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ގާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ރޭ އިފްތިތާހުކުރި މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ސަރުކާރުން ބުނީ އެ ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކަށް ކަމަށެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުނމާއި ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.