ފިރިންނަށް ކާއެތިކޮޅުވެސް ދިއްކޮށްލަނީ ބިދޭސީ ފިރިހެނުން: ހުސެންބެ
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮއްސުންލައިގެން ގޮސް އަނބިމީހާގެ ބަދަލުގައި ފިރިންނަށް ކައްކައި ދެނީވެސް ބިދޭސީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) މިއަދު ވިދާޅުވެއްޖެ އެވެ.
ހުސެންބެ އެހެން ވިދާޅުވީ މިއަދުގެ މަޖިލީސް ޖަލްސާގައި ވަޒީފާގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.
ހުސެންބެ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް މަސައްކަތުގައި މައިދާނުން ފެންނަނީ ބިދޭސީން ކަމަށެވެ. ހުރިހާ ދިމާލަަށް ބިދޭސީން އަތްގަދަ ކޮށްފައިވާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ބިދޭސީންގެ މައްސަލައިގަ އަޅުގަނޑުމެން ކަންބޮޑުވާން ނުޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ހުރިހާ ދިމާލެއްގަ މިހާރު އެތިބީ ބިދޭސީން އަތްގަދަ ކޮށްފަ. މަސްވެރިކަމަށް ބެލިޔަސް ބިދޭސީން، ކަންމަތީ ފިހާރައަށް ބެލިޔަސް ބިދޭސީން. ސައި ހޮޓަލަކަށް ބެލިޔަސް ބިދޭސީން. ހުރިހާ ކޭޝިއަރުންނަށް ވެސް ބިދޭސީން." އޭނާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އަނބިންގެ ބަދަލުގައި ގޭތެރޭގެ މަސައްކަތުގައިވެސް މިހާރު ތިބެނީ ބިދޭސީން ކަމަށެވެ. އަދި ބަދިގޭގެ މަސައްކަތުގައި އުޅެނީ ބިދޭސީ ފިރިހެނުން ކަމަށް ވިދާޅުވެ، އެ މީހުންނަށް ދަށު ދަރަޖައިގެ ބައެއް ގޮތުގައި ސިފަކުރި އެވެ.
"ވާހަކަ އަކީ އަޅުގަނޑުމެންގެ ފިރިމީހާ ގެއަށްދާއިރުގަ ފިރިމީހާއަށް ކާއެތިކޮޅު ފޯރުކޮށްދޭން ވެސް މިހާރު ހުންނަނީ ބިދޭސީއެއް. އަދި ކޮންތާކު މީގަ މަޖާތަންކޮޅަކީ ވެސް ހުންނަނީ ވެސް ބިދޭސީ ފިރިހެނެއް. ކައްކަން ވެސް ވަންނަ ހިސާބަކަށް މިކަން ހިނގައްޖެ." ވިދާޅުވި އެވެ.
ހުސެންބެގެ މި ވާހަކަތަކަށް ސޯޝަލް މިޑިއާގައި އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ހުސޭނައް ކާންދެނީ މުސްކުޅި ފިރިހެނެއް ކަން ޔަގީމް