ގަވަރުނަރަކަށް މުނައްވަރު އައްޔަނުކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފި

ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަނުކުރުމަށް ރައީސް އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ، މި މަހުގެ 22 ގަ އެވެ. އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން މުނައްވަރާއި އިންޓަވިއުކުރުމަށްފަހު ނިންމީ، ގަވަރުނަރަކަށް އޭނާ އައްޔަނުކުރަން ރައީސަށް ލަފާ ދިނުމަށެވެ.
ކޮމިޓީގެ ނިންމުމާ އެއްގޮތަށް މުނައްވަރަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ފާސްކުރީ 78 މެމްބަރުންގެ ވޯޓާ އެކު އެވެ.
އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާއިރު މުނައްވަރު ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަޖިލީހުން ވަކިކުރުމުން ނެވެ. އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމީ މަގާމު އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް ގަބޫލުކުރެވުމުން ނެވެ.