ޚަބަރު ރައްޔިތުންގެ މަޖިލިސް

އަލީ ހަމީދުގެ ކުންފުންޏަކަށް ކުރީގެ ސަރުކާރުން 44 މިލިއަން ދިން މައްސަލައެއް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު/ ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ހިއްސާ އޮންނަ ނޯތް ކޯސްޓު ކޮންޓްރެކްޓާސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް އޮފީސް އިމާރާތެއް އަޅަން ހަވާލުކޮށް، އެ މަސައްކަތް ނުފަށަނީސް މިދިޔަ ސަރުކާރުގައި އެޑްވާންސަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Ads by Hajj Corporation

މި މައްސަލަ ފެންމަތިކުރީ މަޖިލީހުގެ މާލިޔައްތު ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ. ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ޒިޔާރާތްކުރިއިރު އާސަންދައިން ހިއްސާކުރި މައުލޫމާތުތަކާ ހަވާލާދީ ނާޒިމް ވަނީ އެ ކުންފުނި މެދުވެރިވެގެން ހިންގި ހިޔާނާތެއްގެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އޭސީސީން މެމްބަރުންނާ ހިއްސާކުރި މައުލޫމާތު ކަރުދާހުގެ ކޮޕީއަށް 'ދެން' އަށް ވެސް ވަނީ ލިބިފަ އެވެ.

ނާޒިމް ވިދާޅުވީ އެ މައްސަލަ ފެށުނީ 6 ފްލޯގެ ހޮސްޕިޓަލެއް 61 މިލިއަން ރުފިޔާއަށް އަޅަން ނޯތު ކޯސްޓް ކޮންޓްރެކްޓާޒް ކުންފުންޏާއި ހަވާލުކުރި ފަހުން ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފަ އޮއްވާ، އާސަންދަ އިން އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ވަރަށް ބޮޑު އެއްޗެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދެން ކޮންމެވެސް ހިސާބަކުން އާސަންދައިން ކެންސަލް ކުރަނީ. ކެންސަލް ކުރީމާ ކޮމްޕެންސޭޝަންގެ ގޮތުގަ 61 މިލިއަން ރުފިޔާ ދޭންޖެހެނީ ނޫނީ އެންމެ މަދުވެގެން 18.3 މިލިއަން ދޭންޖެހިދާނެ ކަމަށް ބެލެވުނީ އެމީހުންނަށް ކޮންޓްރެކްޓު ކެންސަލް ކުރީމަ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ކޮންޓްރެކްޓުގެ ބަދަލުގައި ސަރުކާރުން އެ ކުންފުންޏާ ދެން ހަވާލުކުރީ 10 ބުރީގެ އިމާރާތެއް އެޅުމަށް ކަމަށެވެ. އަދި އެ މަސައްކަތް ނުފަށަނީސް އެޑްވާންސްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދާ ހަމަޔަށް ވެސް އެ މަސައްކަތް ފަށާފައިނުވާ ކަމަށެވެ.

"ދެން 2022 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން މި ނިންމީ އެމީހުންނަށް އަދި ބަދަލު ދޭންޖެހޭ ކަމަށްޓަކައި އެ ހަ ބުރީގެ ހޮސްޕިޓަލްގެ ބަދަލުގައި 10 ބުރީގެ އޮފީސް އިމާރާތެއް (އާސަންދައިގެ އޮފީސް) އަޅަން ހަވާލުކުރީ، ހުޅުމާލޭގަ. ހަވާލުކޮށްފަ 44 މިލިއަން ރުފިޔާ އެޑްވާންސަށް ދިން ކަމަށް ވަނީ. އެކަމާ ބެހޭ އެއްވެސް ކަމެއް ކޮށްފައެއް ނެތް. ބިން އޮތް ގޮތަށް އޮތީ. އެހެންމަ 44 މިލިއަން ރުފިޔާ އާސަންދަ އިން ގެއްލިފައިވާ ކަމަށްވަނީ." ނާޒިމް ވިދާޅުވި އެވެ.

"18.3 މިލިއަން ރުފިޔާގެ ބަދަލެއް ދޭންޖެހިދާނެތީވެ، 61 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް ދީފަ 44 މިލިއަން ރުފިޔާ އެޑްވާންސަކަށް ދިން ކަމަށް ކަމަށްވަނީ." ނާޒިމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި ނޯތު ކޯސްޓްގެ މެނޭޖިން ޑިރެކްޓަރަކީ އަލީ ހަމީދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!