ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ދޭން ތާއީދު ނުކުރަން: އަމީން ފައިސަލް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް އޮތުމަކީ އެހާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި ގާނޫނުގައި އެ ކޯޓާ އަކީ ކޮބާކަން ހިމަނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މެމްބަރު އެހެން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ނެވެ.

ކޮމިޓީ މަރުހަލާގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކަށް އަލި އަޅުވާލައްވަމުން އޭނާ ހުށަހެޅުއްވި އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ މީހުންނަށް ކުރެވޭ ޖޫރިމަނާގެ އެންމެ ކުޑަ އަދަދު ވެސް ހިމެނުމަށެވެ. މިހާރު ބިލުގައި އޮތީ، އިހުމާލުވާ މީހުން 50،000 ރުފިޔާއަށް ވުރެ ކުޑަ ނުވާނެ ގޮތަކަށް ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ކޯޓާއަކީ ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ އެއްޗެއްގެ ގޮތުގައި އޮތުމަކީ ތާއީދުނުކުރައްވާ ކަމެއް ކަން ވެސް އަމީން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކޮންމެވެސް އަދަދެއް ގާނޫނުގައި ހިމަނާފައި އޮތުން މުހިއްމު ކަމަށެވެ.

"ބިލުގައި މިހާރު މިއޮތް ލިމިޓު، މިހާރު އެއް ގައުމަކުން ބިދޭސީ މަސައްކަތްތެރިން ގެނެވޭނެ އަދަދު އެއީ ބިލުން އުނިވެ ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ ގޮތުގައި އޮތުމަކީ އަޅުގަނޑަށް އެހާ ތާއީދު ކުރެވޭ ކަމެއް ނޫން. އެ އަދަދު އިތުރުކޮށްފަ ވިޔަސް، މި ބިލުގަ އެ އަދަދެއް 2 ލައްކަ ވިޔަސް، 3 ލައްކަ ވިޔަސް 150،000 އަށް ވިޔަސް މި ބިލުގަ އޮތުމަކީ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ." އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޕީއެންސީ މިއަދު ވެރިކަމުގައި އޮތަސް، ފަސް އަހަރު ތެރޭގައި އެހެން ބަޔަކަށް ވެސް ވެރިކަން ލިބިދާނެ ކަމަށެވެ. އެހެންވެ. ކޮންމެ ފިކުރެއްގެ ބަޔަކު ވެރިކަމަށް އައި ނަމަވެސް، ހިދުމަތްތައް ދިނުމަށް މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

ވަޒީފާގެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 މީހުން ނެވެ. އޭގެ ބަދަލުގައި ބިލުގައި ހުށަހަޅާފައިވަނީ، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ ގެނެވޭނެ އަދަދާ ދާއިރާތައް ކަނޑައަޅާނީ ގަވާއިދެއްގެ ދަށުން ކަމަށެވެ. އެ ގަވާއިދު އެކުލަވާލާނީ ލޭބާ މިނިސްޓްރީން ނެވެ.

ބިލުގައިވާ ގޮތުން ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެެވޭނެ އަަދަދާއި ދާއިރާތައް ކަނޑައެޅޭނެ އެވެ. އަދި އެގޮތަށް ކަނޑައެޅުމުގައި އެކި އެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށާ އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅިދާނެ ކަމަށް ވެ އެވެ.

އެހެން ނަމަވެސް، އެފަދަ އެއްވެސް ކަމެއް ކަނޑައެޅޭނީ، ބިލުގައި ބުނާގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތައް ދެނެގަތުމަށްފަހު ހަދާ އެސެސްމެންޓަކަށް ފަހު ކަމަށެވެ. އަދި އެއާ އެކު ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!