ޚަބަރު

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ފަލާހު، ނައިބަކަށް އިމްރާން

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އުފެއްދި 'ގެދޮރުވެރިކަމުގެ ކޮމިޓީ'ގެ މުގައްރިރަކަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހަމަޖައްސައިފި އެވެ. އޭނާގެ ނައިބަކަށް ހަމަޖެއްސީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް އެވެ.

Ads by Hajj Corporation

11 މެމްބަރުންނާ އެކު އެކުލަވާލި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 14:15 ހާއިރެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމެވެ.

ކޮމިޓީގެ މުގައްރިރަކަށް ފަލާހު ހަމަޖެއްސުމަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިލް އެވެ.

އެ ހުށަހެޅުއްވުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 10 މެމްބަރުން އިއްތިފާގުވެގެން ނެވެ.

ނައިބު މުގައްރިރަކަށް އިމްރާން ހަމަޖެއްސުމަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ. އެ ހުށަހެޅުމަށް ވެސް ތާއީދު ކުރެއްވީ ނާޒިލް އެވެ.

އެ މެމްބަރުން ހޮވާފައިވަނީ ވަކި ވަކިން ކޮންމެ ބޭފުޅަކަށް ވޯޓަށް އެހުމަށްފަހު އެވެ. އެ ވޯޓުގައި ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ.

ޒަމީރުގެ ހުށަހެޅުއްވުން ވެސް ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 10 މެމްބަރުން އިއްތިފާގުވެގެން ނެވެ.

މި ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު 9 މެމްބަރުންނަކީ ސުޕަ މެޖޯރިޓީ އޮތް ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މެމްބަރުން ނެވެ.

އެ ކޮމިޓީގެ މަސްއޫލިއްތުތަކަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމާ ގުޅޭ ވުޒާރާއާއި އެނޫން ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ރާވާ ހިންގާ އިދާރާތައް ވިލަރެސްކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!