ބައި-އިލެކްޝަނަކަށް ހޮސްޕިޓަލެއް އެޅޭވަރަށް އެބަ ހަރަދުވޭ, އެއީ އިސްރާފެއް: އައްބާސް
ގޮނޑި ހުސްވުމުން ކައުންސިލްތަކުގެ ބައި-އިލެކްޝަން ކައިރި ކައިރިން ބާއްވަން ޖެހޭއިރު, ކޮންމެ އިންތިޚާބަކަށް ބޮޑު އަދަދެއް ޚަރަދު ކުރުމަކީ ދައުލަތުގެ ފައިސާ އިސްރާފް ކުރުން ކަމަށް ވެލިދޫ ދާއިރާ މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ, އަހަރަކު ދެ ފަހަރު އިންތިޚާބު ބޭއްވުމުން ޚަރަދުކުޑަވެ ދައުލަތުން ދޭ ޚިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ. އެގޮތުން މިހާރު ބާއްވާ ކޮންމެ ބައި-އިލެކްޝަނަކަށް އިންޖީނުގެއެއް ނުވަތަ ހޮސްޕިޓަލެއް އެޅޭހާ ފައިސާ ޚަރަދުވާ ކަމަށް ވިދާޅުވިއެވެ.
"އެހެން ބާއްވާލާ އިންތިޚާބަކުން ވެސް އެއް އިންޖީނުގެ, ނޫނީ އެއް ހޮސްޕިޓަލް އެޅޭހާ ލާރި އެބަ ޚަރަދުވޭ, ބައި އިލެކްޝަނަކަށް." އައްބާސް ވިދާޅުވީ, ކައުންސިލްތައް އައުމުން ރަށަށް ލިބުނު މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ.
"ކައުންސިލްތައް ވުޖޫދުވެގެން އެ ދާއިރާއަކަށް ނުވަތަ ރަށަކަށްވީ މާ ބޮޑު ފައިދާއެއް ނޯންނާނެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކައުންސިލަރުންނަށް މުސާރަ ދިނުން ނޫން ކަމެއްކޮށްފައިވާކަން އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. ކަތީބުން, ކުޑަ ކަތީބުން ތިބިއިރުގައި, ވަތަނީ ރޫހެއްގައި އެބަހުރިކޮށްފައި, އެތަންތަން ވީރާނާވެގެންދާތަން މިއަދު ފެންނަނީ"
ކައުންސިލްތައް ވުޖޫދުވެގެން ރައްޔިތުންނަށްވީ ރަނގަޅުކަމެއް އޮތްކަމަށް ގަބޫލެއް ނުކުރައްވާކަން ފާހަގަކުރައްވައި މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ ކައުންސިލްތަކާމެދު ހުރި ކަންބޮޑުވުމަށް ރިޢާޔަތް ކުރަންޖެހޭ ކަމަށެވެ.
"މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ރައްޔިތުންގެ ވިންދާއި ރޫހާ ޚިލާފަށް ޚަރަދުކުރެވޭ ކައުންސިލްތައް ސަސްޕެންޑް ކުރެވޭ ގޮތަށްވެސް އަޅުގަނޑުމެން އެބަޖެހޭ މި ޤާނޫނުގައި ހިމަނަން ކޮންމެވެސް ހިސާބަކުން." އައްބާސް ވިދާޅުވިއެވެ.