ޚަބަރު ރައްޔިތުންގެ މަޖިލިސް

މަތީ މަގާމުތަކަށް އިންޝުއަރެންސް ދިނުމުގައި އިންސާފުވެރި ވާންޖެހޭ: އަޒާން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އިންޝުއަރެންސް ދިނުމުގައި އިޖުތިމާއީ އަދާލަތު ގާއިމް ކުރުމަށް ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

އަޒާން މިފަދައިން ވިދާޅުވީ ފަނޑިޔާރުންނާއި ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖުތަކުގެ ޕްރިމިއަމް ބޮޑުކޮށްދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލައާއި ގުޅިގެން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ މެއި މަހު ޖޭއެސްސީން މަޖިލީހުގައި އެދިފައިވަނީ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖުތައް ބޮޑު ކުރުމަށެވެ. އަދި މިހާރު އެ ޕެކޭޖަށް ފަނޑިޔާރުން އަމިއްލައަށް ދައްކާ 10 އިންސައްތަވެސް ދައުލަތުން ދައްކާ ގޮތަށް ހަމަޖެއްސުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި މިއަދުގެ ކޮމިޓީގައި އަޒާން ވާހަކަފުޅު ދެއްކެވި އެވެ. ޕޭ ކޮމިޝަނުން ހިއްސާކޮށްފައިވާ މައުލޫމާތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އަޒާން ވިދާޅުވީ ޕްރިމިއަމްއަށް އަމިއްލައަށް އެދިގެން ގެންނަ ބަދަލުތަކަކީ މުވައްޒަފުން އަމިއްލައަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

އަޒާން ވިދާޅުވީ ދައުލަތުގެ ތިން ބާރުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު މުސާރައެއް ނަންގަވާ ބައެއް ކަމަށާއި ސިއްހީ ކަންކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކުރަން ޖެހުމަކީ އިންސާފުވެރި ގޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރާއްޖެ މިހާރު އޮތް މާލީ ހާލަތަށް ރިއާޔަތް ކުރައްވައި އަޒާން ވިދާޅުވީ ދައުލަތުން އިތުރު ހޭދައެއް ކުރުން އެކަށީގެންނުވާ ކަމަށެވެ.

"މިސާލަކަށް ކެންސަރު، ކިޑްނީގެ ބަލިތަކުގައި ސަލާން ޖަހައިގެން އެހެން އެންމެން ވެސް އުޅެނީ. އެހެން އޮތް ގައުމެއްގައި އަޅުގަނޑުމެން މިގޮތަށް ރައްޔިތުންގެ ފައިސާއިން އިންޝުއަރެންސަށް ޚަރަދުކުރުމަކީ އިންސާފުވެރިގޮތެއް ނޫން."

އަޒާންގެ އިތުރުންވެސް ކޮމިޓީގައި ބައިވެރިވި މެމްބަރުން ވަނީ ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާއި ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މިހާރު ފަނޑިޔާރުން އަމިއްލައަށް ދައްކާ 10 އިންސައްތަ އިންޝުއަރެންސް ދައުލަތުން ދައްކާ ގޮތަށް އުސޫލު ބަދަލުކުރަން ކޮމިޓީގެ މެމްބަރުން ނުރުހެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!