Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

އާއިލީ އިމްތިޔާޒެއް ނެތް، ނުހައްގު ތައުރީފެއްވެސް ނުކުރަން: އިބްރާހިމް މުހައްމަދު

އާއިލީ އިމްތިޔާޒެއް ނެތް، ނުހައްގު ތައުރީފެއްވެސް ނުކުރަން: އިބްރާހިމް މުހައްމަދު
"އާއިލީ ބޭފުޅަކަށް ވެގެން ނުވަތަ ނުވެގެން ހާއްސަ އިމްތިޔާޒުތަކެއް ނެތް." މައުޟޫއަށް ވަޑައިގަންނަވަމުން މެމްބަރު ވިދާޅުވީ ފުރަތަމަވެސް މިހެންނެވެ. "ދެން އޮންލައިން" ގެ ޕޮޑްކާސްޓު "ހަވާސާއިން ބޭރުން" ތިންވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންނެވީ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދެވެ. ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މުޅިން އަލަށް އިންތިހާބުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދާއި މައިގަނޑު ގޮތެއްގައި ސުވާލުތައް އަމާޒު ކުރެއްވީ ކޮންގްރެސް ޕާޓީގެ މަޖިލިސް މަސައްކަތްތަކާއި ގުޅޭގޮތުންނެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި އެނޫންވެސް އިދިކޮޅުގެ ފާޑުކިޔުންތަކާއި ގުޅޭ ބައެއް ވާހަކަތައްވެސް މި ޝޯގައި ދެކެވުނެވެ. މެމްބަރު ދެއްކެވި ވާހަކަތަކުގެ މުހިންމު ތަފްސީލުތަކަށް ބަލައިލާނަމެވެ. https://www.youtube.com/watch?v=c0PyUKjnKOc  

ނުހައްގު ތައުރީފެއް ކޮންގްރެސް ޕާޓީއަކުން ނުކުރޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބިލުތަކާއި ގުޅިގެން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ވާހަކަ އިދިކޮޅުން ދަނީ ދައްކަމުންނެވެ. އިދިކޮޅު އެމްޑީޕީން ބުނާ ގޮތުގައި މަޖިލީހަށް ބިލެއް ހުށަހެޅުމުން ސަރުކާރަށް ތައުރީފު ކޮށްފައި ބަހުސް މަރުހަލާ ނިންމައިލަނީ އެވެ. މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި މިއީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަ އެކެވެ. ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު އެކަންކަމާއި ގުޅުވަ އެވެ. އެހެންކަމުން ފައިދާ ހުރި ބިލެއް ތަޅުމަށް އައުމުން އެކަން ފާހަގަކުރުން އެއީ މަޖިލީހުން ކުރަންވާނެ ކަމެކެވެ.
"ރަނގަޅު ބިލެއް ނުވަތަ ރައްޔިތުންނަށް ބޭނުންހުރި ކަމެއް އައީމާ އެބިލު ހުށަހެޅި ފަރާތަށް އެއްޗެހި ގޮވުމަކީއެއް ނޫން ހަގީގަތުގަ ޒިންމާދާރު ކަމަކީ"
އިދިކޮޅުގައި ތިއްބެވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލަކާއި ދެކޮޅު ހައްދަވައި އެ ބިލެއް ހުށަހެޅި ފަރާތަކަށް އެއްޗެހި ގޮވުމަކީ ޒިންމާދާރު ގޮތުގައި އިދިކޮޅުގެ ދައުރު އަދާކުރުން ނޫންކަމަށް މެމްބަރު ދެކެވަޑައިގަންނަވަ އެވެ. ބޭންކިންގް ނިޒާމާއި، ސައިބާ ސެކިއުރިޓީ އާއި، ވަޒީފާ އާއި ބެހޭ ބިލުތަކަކީ އެމްޑީޕީން ސަރުކާރުގައި ތިއްބެވި ނަމަވެސް މަޖިލީހުން ފާސްކުރަންޖެހޭ ބިލުތައް ކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ. ރާއްޖޭގައި ބޮޑެތިވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިޖުމާލީ ގޮތެއްގައި އިދިކޮޅެއް އެއްކޮޅެއް ނެތި އެއްބަސް ކިޔައިގެން މަސައްކަތް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 19 ވަނަ މަޖިލީހުން މިސާލު ނަންގަވަމުން މެމްބަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅުން މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލެއް ބަލައިގެންފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތެއް ކަމަކު އެމްޑީޕީން ހުށަހެޅި ކޮންމެ ކުއްލި މައްސަލައެއް މަޖިލީހުގައި ބަލައިގެންފައިވާނެކަމަށް މެމްބަރު ވިދާޅުވި އެވެ.  

ރައީސްގެ އާއިލާއަށް ވީތީ ހާއްސަ އިމްތިޔާޒުތަކެއް ނެތް

މެމްބަރު އިބްރާހިމް މުހައްމަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާއިލީ ގޮތުން ގުޅުން އޮތް ބޭފުޅެކެވެ. ސިޔާސީ ދާއިރާގައި "ނެޕޮޓިޒަމް" އޮތްކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެހެންނަމަވެސް އިބްރާހިމް މުހައްމަދު ވިދާޅުވީ ރައީސް މުއިއްޒު އެފަދަ ތަފާތު ކުރުއްވުމެއް ނުގެންގުޅުއްވާ ކަމަށެވެ.
"އާއިލީ ބޭފުޅަކަށް ވެގެން ނުވަތަ ނުވެގެން ހާއްސަ އިމްތިޔާޒުތަކެއް ނެތް."
މެމްބަރު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ސަރުކާރު އެކުލަވާލެއްވިއިރު އެމަނިކުފާނުގެ ގާތް ބޭފުޅުންވެސް ތިއްބެވި އެވެ. އެހެންނަަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ކެބިނެޓު ޕޯޓްފޯލިއޯއެއް ދެއްވައިފައެއް ނުވެ އެވެ. ރައީސް މުއިއްޒުގެ އަމާޒު ހުންނެވީ އަދުލުވެރިވުމަށެވެ. އަދި ކޮންމެ ކަމަކަށްވެސް އެންމެ އެކަށީގެންވާ މީހުން ލުމަށެވެ. ރައީސް މުއިއްޒުގެ އާއިލީ އެއްވެސް ބޭފުޅަކު ވަޒީރަކަށް ނުވަތަ އެސްއޯއީއެއްގެ އެމްޑީއަކަށް ނުދާކަން ފާހަގަކުރެއްވި އެވެ. ގާތް ބޭފުޅަކަށް ވީތީ ސަރުކާރަށް އަތްގަދަ ކުރުންފަދަ އެއްވެސް ކަމެއް ނުހިނގަ އެވެ. މެމްބަރުންނަށް މުސާރައިގެ އިތުރަށް މުލިއާގެއިން ހާއްސަ އިނާޔަތެއް ދޭ ވާހަކައަކީވެސް މިފަހުން މީޑިއާގައި ދެކެވުނު ވާހަކައެކެވެ. އިބްރާހިމް މުހައްމަދު ވިދާޅުވީ މި ވާހަކައަކީ އިދިކޮޅުން އިސްވެ އޮވެގެން ފަތުރާ ބުހުތާނު ދޮގެއް ކަމަށެވެ. އެފަދަ އެއްވެސް އިނާޔަތެއް މުލިއާގެ ތެރެއިން ނުދޭކަމަށް އޭނާ ވިދާޅުވި އެވެ. [caption id="attachment_234590" align="alignnone" width="690"] މެމްބަރު އިބްރާޙިމް މުހައްމަދު ހަވާސާއިން ބޭރުން ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ[/caption]  

މަޖިލީހުގައި ސަރުކާރު މެޖޯރިޓީ އޮތުމަކުން ޒިންމާއަކަށް ހުރަހެއް ނެތް

ވެރިކަމުގައި އޮތީ ކޮންގްރެސް ޕާޓީ އެވެ. މިއީ ދައުލަތުގެ ފުރަތަމަ ބާރެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އޮތީ ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ އެވެ. މިއީ ދެވަނަ ބާރެވެ. މިހެން ވުމުން ކޮރަޕްޝަނަށް މަގުފަހިވުމާއި ބާރުތައް މަސްހުނިވުމަށް މަގުފަހި ވެއެވެ. އެހެންނަމަވެސް މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރާވާފައިވާ ގޮތުން ބާރުތައް މަސްހުނި ނުވާނެ އެވެ.
"މިހާރު މި ވާގޮތަކީ ބިލެއް ފޮނުވީމަ އޭތި އިވެލުއޭޓްކޮށް، ކަމަށް ގާބިލް ބޭފުޅުންގެ ހާއްސަ ލަފާ އަޅުގަނޑުމެން ހޯދައިގެން، އަދި ސަރުކާރަކީވެސް މީހުން ތަމްސީލު ކުރާ ތަނެއް ވީމަ އެއިން ބޭފުޅަކަށް ރައްޔިތުންގެ މަސްލަހަތުގަ އެންމެ އެކަށީގެންނުވާ ކަމެއް ކުރެވިދާނެތީ އަޅުގަނޑުމެން ސަމާލުކަން ދީގެން އެބަ ބަލަން"
ސަރުކާރަށް ގޯސްކޮށް ކަމެއް ކުރެވޭނަމަ އެކަމެއް އިސްލާހުކުރަން މަޖިލީހުން ފުރުސަތު ދޭކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހުން ކުރަނީ ސަރުކާރު ޒިންމާދާރު ކުރުވުގެ މަސައްކަތް ކަމަށާއި މިހާރުވެސް ކުރާ ގޮތަށް އެމަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.  

އާ ގާނޫނުތަކާއެކު އާ އިންވެސްޓްމެންޓުތައް އަންނާނެ

މިމަޟޫއަށް ވަޑައިގަންނަވަމުން މެމްބަރު އެންމެ ފުރަތަމަ ފާހަގަކުރެއްވީ ކުރީ ސަރުކާރު އޮތް ދުވަސްވަރު ފޮރެކްސް ޓްރޭޑިންގައި ހަރަކާތްތެރިވި ވަރަށް ގިނަ ފަރާތްތަކަށް އެފަރާތްތަކުގެ އެކައުންޓު ބަންދު ކުރަން ޖެހިފައިވާ ކަމެވެ. މިކަން މިހެން ވާން މެދުވެރިވީ ބޭންކިންގް ނިޒާމުގައި އޭރު ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. މިދާއިރާ ރަނގަޅަށް އޮޕަރޭޓު ނުކުރެވޭ ކަމުގައިވާނަމަ ބައެއް އިންވެސްޓުމެންޓުތައް ގެއްލޭނެކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ. ބޭންކިންގް ނިޒާމުގެ ތެރެއަށް އާ ގޭޓްވޭތައް އިތުރުކޮށް ދިވެހިރާއްޖޭގެ ކުރިއަރަމުންދާ މާހައުލަށް އިންކިއުބޭޓު ކުރަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ. އެހެން ގާނޫނަކަށްވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގަ ވަރަށް ގިނަ ބިންވެރިން އެބަތިބި ބިމާ ބެހޭ ގާނޫނު ނެތުމުގެ ސަބަބުން ރާއްޖެއިން ބޭރުން އަންނަން ބޭނުންވާ އިންވެސްޓަރުންނަށް އެ ސެކިއުރިޓީ ނެތުމުގެ ސަބަބުން"
ބިމާ ބެހޭ ބިލުގެ މަސައްކަތް މަޖިލީހުން ކޮށް ނިމި ގާނޫނު ތަންފީޒު ކުރުމުން ލޯ ފާމްތަކުންނާއި އެކި އިންވެސްޓްމެންޓް ފޯރަމްތަކުގައި މިކަން އިއުލާން ކުރާނެ ކަމަށާއި އޭރުން އަމިއްލަ ބިންތަކަށް އިންވެސްޓުކުރަން ބޭނުންވެފައި ވެއިޓިންގް ލިސްޓުގައި ތިއްބެވި ބޭފުޅުން ރާއްޖެއަށް އެޕްރޯޗް ކުރަން ފައްޓަވާނެކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ގޫގުލް ނުވަތަ ޔޫޓިއުބުން އާމްދަނީ ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެން ދިޔުމުން އެކަމުގެ ސަބަބުން ދައުލަތަށްވެސް އާމްދަނީ ލިބޭނެކަން ފާހަގަކުރެއްވި އެވެ. ބޮޑެތި ވިޔަފާރިތައް ފެށިގެން ދިޔުމުން ޔޫޓިއުބް ނުވަތަ ގޫގުލްއިންވެސް ޓެކްސް ނެގޭނެ އެވެ.
"ހަގީގަތުގަ އިދިކޮޅު ފަރާތްތަކުންވެސް މިކަންކަމަށް އެންކަރޭޖު ކުރަންޖެހޭނެ. ދިވެހި ރައްޔިތުންނަށް މި ލިބެންހުރި މަންފާތައް ލިބޭނެ ގޮތަށް ހަދަން އުޅޭ ގާނޫނުތަކަށް ޖާގަ ދޭން ވާނެ."
  [caption id="attachment_234592" align="alignnone" width="690"] އިންޑިއާއާއި ރާއްޖެއާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ނެތްކަމަށް މެމްބަރު އިބްރާހިމް މުހައްމަދު ވަނީ ވިދާޅުވެފައި[/caption]

އިންޑިއާ އަކީ ދޯސްތެއް، ގުޅުން މާ ރަނގަޅުވެއްޖެ

"ގުޅުން ރަނގަޅުވަމުން އިނގޭތޯ ދަނީ. މިހާރުވެސް އަޅުގަނޑުމެންގެ ފަތުރުވެރިކަމާބެހޭ ވަޒީރު އެ ހުންނެވީ އިންޑިއާއަށް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާއަކަށް ވަޑައިގެން"
އިބްރާހިމް މުހައްމަދުގެ ވާހަކަފުޅު ފެއްޓެވީވެސް އިންޑިއާގެ ގުޅުން ރަނގަޅު ވާހަކަ ވަރަށް ސީދާކޮށް ވިދާޅުވަމުންނެވެ. ކޮންގްރެސް ޕާޓީ އިދިކޮޅުގައި އޮތްއިރުވެސް މައްސަލަ ޖެހިގެން އުޅުނީ އިންޑިއާ އަކާ ނޫނެވެ. އިންޑިއާ ސިފައިންގެ ބޫޓު ރާާއްޖޭގައި ހުރުމުންނެވެ. އަސްކަރީ މަސައްކަތެއް ކުރާތީ ދެއްކީ އެވާހަކަ އެވެ.
"މިހާރު އެކަން ނިމިއްޖެ އިނގޭތޯ. ދެން އެކަން ނިމުނީމާ (ގުޅުން) އޮންނާންނުންތޯ"
ދެމަފިރިންގެ ދެމެދުގައިވެސް މައްސަލަ ޖެހޭ ކަމަށާއި އެހެންނަމަވެސް އެމައްސަލަ ހައްލުވުމުން ގުޅުން ދެމި އޮންނަކަމުގެ މިސާލު ނަންގަވައި މެމްބަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާ ދެމެދުގެ ގުޅުންވެސް އޮތީ މިހެން ކަމަށެވެ. ކުރިއާ މިހާރާ އޮތް ތަފާތަކީ މިހާރު ދިވެހި ސަރުކާރުން ހުރިހާ ގައުމަކާއިއެކު ގުޅުން ބަދަހި ކުރަމުންދާ ދިޔުންކަން އޭނާ ފާހަގަކުރެއްވި އެވެ. ސަރުކާރުން މިހަރު ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ އެވެ. އެހެން ގައުމުތައް ތަރުތީބު ވާނީ ދިވެހިންނަށް ފަހު ކަމަށާއި ދިވެހިންނަށް ވީތީ ދިވެހި ފަސްގަނޑުގައި ހާއްސަ އިމްތިޔާޒުތަކެއް އޮންނަ ޕޮލިސީއަކީ ރަނގަޅު ޕޮލިސީއެއް ކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. އަރަބި އިސްލާމީ ގައުމުތަކާއިއެކުގައި އޮތް ގުޅުންވެސް މިސަރުކާރުގައި ރަނގަޅުވެއްޖެކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
"އެމްޑީޕީގަ ތިއްބެވި ސިޔާސީ ބޭފުޅުން. އެބޭފުޅުން އިސްލާމީ ދައުލަތްތަކާ ހަމަ ދުރު. އެހެން ވެދާނެ އަޅުގަނޑުމެންނަށް އަޑުއިވޭނެ އެމްޑީޕީއަކީ ލާދީނީ ބަޔެކޭ ކިޔާ އަޑު"
އެމްޑީޕީއަކީ ސެކިއުލާ ވިސްނުމުގެ ޕާޓީއެއްގެ ގޮތުގައި ސިފަ ކުރައްވައި މެމްބަރު ވިދާޅުވީ އެމީހުން އިސްލާމީ ގައުމުތަކާއި ގުޅުން ބާއްވަން ބޭނުން ނުވާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުން ފ. އަތޮޅުގައި ކުރަން އުޅުނު އިންވެސްޓުމެންޓުގެ ވާހަކައަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއާ ދެކޮޅަށް އޭރު މަސައްކަތް ކުރީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީގެ ސަރުކާރަށްފަހު އަރަބި އިސްލާމީ ގައުމުތަކާއިއެކު އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ބޭއްވި ގުޅުމަށްވުރެއް ގާތްކޮށް މިހާރު ގުޅުން ބާއްވަމުން އަންނަކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ހެއްކަކީ ބައެއް ލޯނުތައް ދެއްކުން ރީސްޓްރަކްޗާ ކުރަމުންދާ ދިއުމެވެ. [caption id="attachment_234593" align="alignnone" width="690"] ރައީސް މުއިއްޒުގެ އާއިލީ މެމްބަރަކަށް ވީތީ ހާއްސަ އެއްވެސް އިނާޔަތެއް ނުލިބޭ ކަމަށް މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވި[/caption]  

ޒިންމާދާރު އިދިކޮޅެއް ނެތުމުގެ ކަންބޮޑުވުން

"ނިޔަތަކަށް ވާން ޖެހޭނީ ސަރުކާރާ ތޮޅި، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ޒާތީގޮތުން ޖެހުމެއް ނޫން"
އިދިކޮޅުގެ ވާހަކަ އިބްރާހިމް މުހައްމަދު ފެއްޓެވި އެވެ. އިދިކޮޅުގެ ޒިންމާއަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބެލުމެވެ. އަދި ދައުލަތުގެ ފައިސާ ޒިންމާދާރުކަމާއިއެކު ހަރަދުކުރޭތޯ ބެލުމެވެ. މިކަންކަމަށް ބިނާާކުރަނިވި ފާޑު އިދިކޮޅުން ކިޔަން ޖެހޭނެ އެވެ. އެހެންނަމަވެސް އެއާ ހިލާފަށް މިހާރު ފެންނަނީ ދޮގު ވާހަކަތައް ފެތުރުމެވެ. ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ހަގީގަތް އޮޅޭގޮތަށް ތަކުރާރުކޮށް ވާހަލަ ދެއްކުމެވެ. އަދި ވަކިވަކި ބޭފުޅުންގެ އަބުރު ގެއްލުވާލުމަށް މަސައްކަތްތަކެއް ކުރުމެވެ. މިއީ މެމްބަރުގެ ހިޔާލެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތެވެ. އެއީ އެމްޑީޕީ ކަމަށް ވިޔަސް އަދި ޕީއެންއެފް ކަމަށް ވިޔަސް ކަން އޮތީ މިހެންނެވެ. ހާއްސަކޮށް ލީޑަޝިޕްގައި އިހްލާސްތެރިކަމެއް ނެތެވެ. އިދިކޮޅު ލީޑަޝިޕްތަކުގެ ނިޔަތަކީ ވެރިކަން ގެއްލުމުން ނަފްރަތު އުފެއްދުމެވެ. މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި މައްސަލަތަކަށް އެޑްރެސްކޮށް ކަންކަމުގައި ސަރުކާރަށް ޗެލެންޖު ކުރާނެ އިދިކޮޅު ޕާޓީއެއް ބޭނުންވެ އެވެ. މިދިޔަ ދެ އިންތިހާބުގައިވެސް އިދިކޮޅު ފެއިލްވުމުގެ މައިގަނޑު ސަބަބަކީ ހަރުދަނާ ލީޑަޝިޕެއް ނެތުމެވެ. ލީޑަޝިޕް އޮތްނަމަ ރައްޔިތުން ބަލައިގަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އިދިކޮޅުގަ އޮތް ދެ ލީޑަޝިޕަކީވެސް ރައްޔިތުންގެ އިތުބާރު މިހާ ހިސާބަށް ގެއްލިފަ އެއޮތީ. ރައްޔިތުން އެބޭފުޅުންނަށް ކުރަމުން ގެންދިޔަ އިހުތިރާމު އަނބުރާ އަތުލާފަ އެއޮތީ"

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް