ޚަބަރު

އިންޑިއާގެ މާކެޓް އަލުން ގަދަ 3އަކަށް ގެނައުމަށް މަސައްކަތް ދަނީ ކުރަމުން: ޝިރުއީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އިންޑިއާ އަނެއްކާވެސް އެންމެ މަތީ 3 ޤައުމުގެ ތެރޭގައި ހިމެނުމަށް ރާއްޖެއިން އުންމީދުކުރާ ކަމަށް ރާއްޖެ އިޝްތިހާރު ކުރާ, އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާގައި ހުންނަވާ, އިންޑިއާގެ ނޫހަކަށް ޝިއުރީ ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އިންޑިއާ އަނެއްކާވެސް އެންމެ މަތީ 3 ޤައުމުގެ ތެރޭގައި ހިމެނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމަށްޓަކައި އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ޙަރަކާތްތަކުގެ ތެރޭގައި އިންޑިއާގެ ޓްރެވަލް އޭޖެންޓުންނާއި މީޑިއާ ބޭފުޅުން ރާއްޖެއަށް ގެނައުމާއި، އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އިވެންޓްތައް ބޭއްވުން ހިމެނެއެވެ.

އެމްއެމްޕީއާރުސީއިން ވަނީ މިފަހަރުން އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް 'ވެލްކަމް އިންޑިއާ'ގެ ނަމުގައި ނިއު ދިއްލީ، މުމްބާއި އަދި ބެންގަލޫރުގައި ރޯޑްޝޯތަކެއް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް މުހިންމު ކަމަށްވެސް ޝިއުރީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ހަމައެކަނި ޓޫރިޒަމްގެ ދާއިރާއަށް ބަލައިގެން ވާހަކަދެއްކޭނެ ކަމެއް ނޫން ކަމަށާއި، އެހެނިހެން ދާއިރާތަކުންވެސް ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އޮތް ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އިންޑިއާ އެންމެ މަތީ 3 ޤައުމުގެ ތެރޭގައި ހިމެނިފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. ނަމަވެސް މިއަހަރު ކުރީކޮޅު, ރާއްޖޭގެ އިސް އޮފިޝަލުންތަކެއް އިންޑިއާގެ ބޮޑު ވަޒީރަށް އިހްތިރާމް ކުޑަކޮށް ކުރި ޓްވީޓަކާ ގުޅިގެން, އިންޑިއާއާގެ ބޮޓް ފާމަކުން ރާއްޖެއާ ދެކޮޅަށް ކުރި ކެންޕެއިނަކާ ގުޅިގެން މިއަދަދު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.

މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 71,381 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މާކެޓްގެ  6.1 އިންސައްތައެވެ.

ޝިއުރީ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު 10 ޕަސެންޓް އިތުރުވަމުން ދިޔަ ކަމަށެވެ. އަދި މިހާރު އަނެއްކާވެސް އެ ކުރިއެރުން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓް އިތުރަށް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޝިއުރީ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އައު މާކެޓްތައް ހޯދުމާއި، މިހާރު އޮތް މާކެޓްތައް އިތުރަށް ފުޅާކުރުން ހިމެނެއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި އެކި ޤައުމުތަކުގައި ޕްރޮމޯޝަނަލް ކެމްޕޭންތައް ހިންގުމާއި، އޮންލައިން މާކެޓިންގ އިތުރުކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މައިގަނޑު ސިފައަކީ ތިމާވެށްޓާ ރައްޓެހި ޓޫރިޒަމް ކަމަށްވާތީ، މި ސިފަ ދެމެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!