ޚަބަރު

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން ފުރުން މަނާކޮށް، ތަހުގީގު ފަށައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން

މޯލްޑިވް ގޭސް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ފުރުން މަނާކޮށް ތަހުގީގުކުރަން ފަށައިފި އެވެ.

Ads by MWSC

އެކަން "ދެން" އަށް ފުލުހުން މީޑިއާ އޮފިޝަލް ވަނީ މިއަދު ކަށަވަރުކޮށްދިނެވެ.

މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާ އުފުލާފައިވާއިރު އެއިން ކޮންމެ ކުށެއްގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ދައުވާ އުފުލާފައިވަނީ މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތަކަށެވެ.

ފުރަތަމަ ދައުވާގައިވާ ގޮތުން އެންމެ ފުރަތަމަ މުއާމަލާތް ހިންގާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. ޕީޖީން އާންމުކުރި ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުން އެ ދުވަހު މައުމޫންގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކުރި އެވެ.

ދެވަނަ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން ދެވަނަ މުއާމަލާތް ހިންގާފައިވަނީ ހަމަ 2016 ވަނަ އަހަރު އެވެ. އެ މުއާމަލާތް ހިންގީ އެ އަހަރުގެ ޖޫން މަހު އެވެ. ޕީޖީން ތުހުމަތުކޮށްފައިވާ ގޮތުގައި މައުމޫނުގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެ އެވެ. އަދި މައުމޫނާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވެ އެވެ.

ތިންވަނަ ދައުވާގައި ތުހުމަތުކޮށްފައިވާ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު މައުމޫންއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،949.50 ޑޮލަރު ޖަމާކޮށްފައިވެ އެވެ.

ހަތަރުވަނަ ދައުވާގައި ތުހުމަތުކުރާ ގޮތުން މުއާމަލާތް ހިންގާފައިވަނީ 09 އޭޕްރީލް 2017 ގައެވެ. މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ، އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ ކަަމަށް ޕީޖީން ތުހުމަތު ކުރެ އެވެ.

ފަސް ވަނަ ދައުވާގައިވާ ގޮތުންނަމަ މުއާމަލާތް ހިނގީ 31 މޭ 2017 ގައެވެ. މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓަރނޭޝަނަލްއިން 46،555 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުންޏެވެ.

ހަވަނަ ދައުވާގައި ބުނާ ގޮތުން ހަ ވަަނަ މުއާމަލާތެއް ހިންގީ 23 އޮގަސްޓު 2017 ގައެވެ. އެ ދުވަހު މައުމޫންއ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓަނޭޝަނަލްއިން 49،955 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތު ކުރެ އެވެ.

ޕީޖީން މައުމޫނަށް ކުރާ ހަތް ވަނަ ދައުވާގައިވާ ގޮތުން ހަތް ވަނަ މުއާމަލާތެއްް ހިންގާފައިވަނީ 8 އޮކްޓޫބަރު 2017 ގަ އެވެ. ޕީޖީން ތުހުމަތުކުރާ ގޮތުން އަބްދުﷲ މައުމޫންގެ އެއްބަފާ ބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަހްމަދު ހަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް، ތްރީޑީއެޗް އިންޓަނޭޝަނަލްއިން 34،950 ޑޮލަރު ޖަމާކޮށްފައިވެ އެވެ.

އެ މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތުކުރެ އެވެ.

އެ މައްސަލަގައި މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތްތަކުގެ އަޑު އެހުން ކެންސަލްކުރި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!