ޚަބަރު

ޕެންޝަނަށް ފައިސާ ދައްކާ 113،000 މީހުން، ޕެންޝަން އެކައުންޓަށް މަހަކު 143 މިލިޔަން

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް/ ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަންގެ ގާނޫނުގައިވާ ދަށުން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް މަހަކު މައްޗަށް ގާތްގަނޑަކަށް 143 މިލިއަން ރުފިޔާ ޖަމާވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ޕެންޝަން އޮފީހުން އެހެން ބުނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ދެއްކެވި ވާހަކަގަ އެވެ.

ޕެންޝަންގެ ގާނޫނުގައި އޮންނަނީ ދެ ސްކީމެކެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނާއި މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމެކެވެ.

އެ ކޮމިޓީގައި ޝުޖާތާ ވިދާޅުވީ ރާއްޖޭގައި ދިވެހިންގެ އާބާދީއަކީ 3 ލައްކަ ކަަމަށްވާއިރު އޭގެ ތެރެއިން މަސައްކަތު އުމުރުގެ އާބާދީއަކީ ދެ ލައްކަ އެވެ. އެގޮތުން ރިޓަޔާމެންޓް ސްކީމުގައި 122،000 އެކައުންޓެއް އެބައޮތް ކަމަށެވެ. އެކަމަކު ފައިސާ ދައްކަމުން ދަނީ އޭގެ ތެރެއިން ކިހާ އަދަދެއްގެ ބައެއް ކަމަށް ވިދާޅުވު ނުވިޔަސް ކޮމިޓީއަށް ފަހު "ދެން އޮންލައިން" އަށް ޝުޖާތާ ވިދާޅުވީ ބަރާބަރަށް ފައިސާ ދައްކަމުން ދަނީ 113،0000 މީހުން ކަމަށެވެ. ބާކީ ހުރި އެކައުންޓުތަކަކީ އެކި ސަބަބުތަކާއި ހުރެ "އިން އެކްޓިވް" އެކައުންޓުތައް ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަނަކީ ވަޒީފާ ދޭ ފަރާތްތަކުން 7 އިންސައްތައާއި މުވައްޒަފުންގެ 7 އިންސައްތަ ހިމަނައިގެން އެކުލަވާލެވިފައިވާ ޕެންޝަން ސްކީމެކެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ ދައުލަތުގެ ބަޖެޓުން މަހުން މަހަށް ފޯރުކޮށްދޭ ޕެންޝަނެކެވެ.

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން މި ފައިސާ ނަގާފައި އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އެ އެކައުންޓްތަކަށް ޖަމާވަމުންދާއިރު މީގެ ސްޓޭޓެމަންޓް އެޕާއި ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ޝުޖާތާ ވިދާޅުވި އެވެ.

ރާއްޖޭގެ ޕެންޝަންގެ ނިޒާމް ރިފޯމްގެ މަސައްކަތް ފެށީ 2005 ވަނަ އަހަރު އެވެ. އެކަމަކު ޕެންޝަން ގާނޫނެއް އުފަންވީ 2009 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން އަދި މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ތައާރަފް ކުރި އެވެ.

2009 ވަނަ އަހަރުގެ ކުރިން ޕެންޝަންގެ ދެމުން އައީ 20 އަހަރު ނުވަތަ 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޝުޖާތާ ވިދާޅުވީ އޭރު ޕްރޮވިޑެންޓް ފަންޑެއް ހެދިފައިވާ ކަމަށާއި އެ ފަންޑަކީ މުވައްޒަފުންގެ 5 އިންސައްތައާއި ދައުލަތުން 5 އިންސައްތަ ހިމަނައިގެ ހެދުނު ފަންޑެއް ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގައި ޕެންޝަންގެ ނިޒާމް ތައާރަފްވި ފަހުން އެ ފަންޑްވެސް އުވާލި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!