ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ މަކަރުން ފައިސާ ހޯދާ ކިންގްސްޓަންގެ މައްސަލަ ބަލަނީ
ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކިންގްސްޓަން މޯލްޑިވްސްގެ މައްސަލަ ފުލުހަށް ބަލަން ފަށައިފި އެވެ.
ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ކިންގްސްޓަން އިން ގިނަ އަދަދެއްގެ ބޮޑެތި އަދަދުން ޑައުންޕޭމަންޓާއި ފުލް ޕޭމަންޓް ނަގައިގެން އުޅޭ މައްސަލަ ފެންމަތިވަމުން އަންނަތާ ދުވަސްތަކެއްވެއްޖެ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައިވާ މީހުން ބުނެފައިވަނީ ގުޅީމަ ފޯނު ނުނަގާ ކަމަށެވެ. އަދި ސައިކަލު ނޫނީ ޕޭމަންޓް އަނބުރާ ދޭން ވެސް އެ މީހުން ވަނީ އެދިފައެވެ.
ކޮންމެ ފަހަރަކު ވަކި މުއްދަތެއް ދިން ނަމަވެސް މުއްދަތު ފަހަނައަޅާ ދާއިރުވެސް ހަބަރެއް ނުވެ އެވެ. އެގޮތުން ޕޭމަންޓް ދެއްކުމަށްފަހު ސައިކަލު ލިބޭނެ ކަމަށް ބުނެ ތާރީހު ފަހަނަ އަޅާ ދިޔަތާ އަހަރެއް ހާ ދުވަސް ވެފައި ވެސް އެބަ ހުއްޓެވެ.
އެކަމާ ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި ކިންގްސްޓަންގެ ޝޯރޫމް ކައިރިއަށް އެއްވެ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.
ފުލުހުން ބުނީ ކިންގްސްޓަން މޯލްޑިވްސްއިން ސައިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހެދި މައްސަލަ މިދިޔަ ހުކުރު ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް ދައްކާ ގޮތުން ކިންސްގްސްޓަން ރަޖިސްޓްރީ ކޮށްފައިވަނީ އަހުމަދު އާތިފް ހަސަން އާއި އާއި ހަސަން ހުސެއިންގެ ނަމުގަ އެވެ.