ޚަބަރު

ފޭދޫ ސިއްހީ މަރުކަޒުގައި ބެޑް ސްކްރީނެއް ނެތް، ފަރުވާ ދެނީ ހާސާ ކަންމަތީ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފޭދޫ ސިއްހީ މަރުކަޒުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް

އާބާދީގައި ގާތްގަނޑަކަށް 6000 އެއް ހިމެނޭ އައްޑޫ ސިޓީ ފޭދޫގެ ސިއްހީ މަރުކަޒުގައި ބެޑް ސްކްރީނެތް ނެތް ކަމަށާއި ބަލި މީހުންނަށް ފަރުވާދެނީ ހާސާ ކަންމަތީގައި ކަމަށް ވިދާޅުވެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބަސް ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދުގެ ޖަލްސާއަށް ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

މިނިސްޓަރަށް ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އައިބީ ވިދާޅުވީ ފޭދޫ ސިއްހީ މަރުކަޒަކީ 6000 އަށް ވުރެ ގިނަ ރައްޔިތުންނަށް ހިދުމަތްދޭ ތަނަކަށްވާއިރު އެއީ އެންމެ މަތީގައި ގިންތީގައި ހިމެނޭ ސިއްހީ މަރުކަޒަކެއް ކަމަށެވެ. އަދި ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 5 އަހަރުގައި އެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަން އައިބީ ފާހަގަކުރެއްވި އެވެ.

"މިހާރު މީ ބެޑް ސްކްރީންއެއް ވެސް އެތާކު ނެތް. ބަލި މީހުންނަށް ހިދުމަތްދެނީ ދެނީ ހަމަ ހާސާ ކަންމަތީގައި" - އައިބީ

އެކަމަށް ހައްލެއް ހޯދައިދެއްވުމަށް އެދި ވަޑައިގެން އައިބީ އެއްސެވީ ފޭދޫ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމުގެ އެއްވެސް ވިސްނުމެއް އޮއްތޯ އެވެ.

ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އައްޑޫ އަތޮޅުގެ އެއްފަސްކޮށްފައި އޮތް ސަރަހައްދަށް ގެންގުޅުއްވާ ސިއްހީ ނިޒާމު ފުޅާކުރުމުގެ ސިޔާސަތަކީ "ކޮންބައިންޑް ހޯލިސްޓިކް" ކަމަށެވެ. އަދި ފޭދޫ އަކީ އެތަނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓާ އެންމެ ކައިރީގައި އޮތް ރަށަށްވާތީ އެތަނުގެ ފެންވަރު ރަނގަޅުކުރުމުގެ ވިސްނުންތައް އެބައޮތް ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިގައިވާ ރަށްތަކުގައި ހުރި ސިއްހީ މަރުކަޒުތަކުގައި އާ ހިދުމަތްތައް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެގޮތުން ޖެނެޓިކް ކެއާގެ ހިދުމަތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްތައް ފުޅާކުރުން ހިމެނޭ ކަމަށެވެ.

ހަލީލް ވިދާޅުވީ 5 އަހަރު ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމު ގޮސްފައި އޮތީ ވަރަށް ބޮޑަށް އަޅާލުން ކުޑަކޮށް ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އިމާރާތުގެ ގޮތުން ބަލާއިރު ސިއްހީ ހިދުމަތް ދޭ ގިނަ ތަންތަނުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި އަޅުގަނޑު އަމިއްލަ ލޮލުން ދުށް ބައެއް ތަންތަން ލަކުޑި ދޮރު ހުރެއްޖެއްޔާ ހުންނަނީ ބޮއެފައި އޭގެ ތެރޭގައި އެކި ވައްތަރު ވައްތަރުގެ ފަންޏާ އެއްޗެހި އުޅޭތަން އަޅުގަނޑު ލޮލުން ދުށިން. މި ވާހަކަ ލޮލުން ދެކިފައި އަޅުގަނޑު މި ދަންނަވަނީ." - މިނިސްޓަރު ޑރ. ހަލީލް

ހަލީލް ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު ގިނަ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކުގެ ފެން ލީކުވާ ކަމަށާއި ހުރީ އާބާތުރަ ފިލުވަންވެފައި ކަމަށެވެ.

ގާތްގަނޑަކަށް 100 އާ ގާތްކުރާ އަދަދަކަށް ޑޮކްޓަރުން މަދު ކަމަށާއި ނަރުހުން މަދު ވެސް ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި ބޭނުންކުރާ ކަތުރުތައް ހުރީ ދަބަރު ޖަހާފައި ކަމަށް ހަލީލް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!