ކުރީ ސަރުކާރުން އުޅުނީ ބިލިއަނަކުން ހެދި ތިނަދޫ ހޮސްޕިޓަލް ދޫކޮށްލާ އާ ތަނެއް އަޅަން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާވާފައި އޮތީ ބިލިއަނަކުން ހެދި ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ދޫކޮށްލުމަށްފަހު އާ ހޮސްޕިޓަލެއް ހަދަން ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަލީލް އެހެން ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ ސައުދުالله ހިލްމީ ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.
ސައުދުالله ވިދާޅުވީ މިދިޔަ ސަރުކާރު ނިމެމުން ދަނިކޮށް ތިނަދޫގައި އިއުލާންކުރެވުނު ޓާޝަރީ ހޮސްޕިޓަލެއް އަޅަން އެގްރިމެންޓް ކުރެވުނު ވާހަކަ ދެކެވުނު ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ހާމަކޮށްދެއްވުމަށް ސައުދުالله އެދިވަޑައިގެންނެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ މިދޔަ ސަރުކާރުގައި އޮތީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި ކަމަށާއި ބެލެވޭ ގޮތުގައި އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. ހަލީލް ވިދާޅުވީ އެ ހޮސްޕިޓަލުގެ ކުރެހުންތަކެއް ކުރަހާފައި އޮތް ކަމަށެވެ.
އެއަށް ފަހު މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލަކީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރެވިފައި ހުރި ތަނެއް ކަމަށެވެ.
"ކުރީ ސަރުކާރުން ރާވާފައި އޮތީ ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކުރެވިފައި ހުރި ފެސިލިޓީ އެއްކޮށް ދޫކޮށްލުމަށްފަހުގައި މުޅިން އާ ތަނަކަށް ދާން" - މިނިސްޓަރު ޑރ. ހަލީލް
އޭނާ ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލުގައި ވަރަށް ފަހުން އިމާރަތްކޮށް ނިންމާފައި ހުރި ބައެއް އިމާރާތްތަކާއި ވަރަށް ފަހުން ގާއިމްކޮށްފައި ހުރި ބައެއް ހިދުމަތްތައް އެބަހުރި ކަމަށެވެ. އަދި ބިލިއަނެއްހާ ރުފިޔާ ބޭކާރުކޮށްލާއިރުގައި މިއީ ރައްޔިތުންގެ ފައިސާކަން ވެސް ވިސްނަން ޖެހޭ ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އެކަން ކުރާނީތޯ ނޫނީ އެތަން ބޭކާރުތަނަކަށް ހަދާނީތޯ ނޫނީ އަނެއްކާ އަނެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައި އާ ހޮސްޕިޓަލަކާ ދިމާލަށް ދާނީތޯ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މުޅި ސަރުކާރުގެ ސިއްހީ ނިޒާމު ބިނާކުރަމުން ދަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކަމަށާއި އެތަނުގައި މިހާރު ބިން ފާހަގަކުރުމަށްފަހު އެ ބިމަށް ފެތޭގޮތަށް ޑިޒައިން ކުރުމަށްޓަަކައި އާޓިޓެކްޗަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަޝްރޫއަށް ފަންޑިން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިހާރު މި ކުރެވޭ މަސައްކަތަށް ބަލާއިރު މި އަހަރު ފަހުކޮޅުގައ އެ އިމާރާތުގެ މަސައްކަތްތައް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅު އެ މަޝްރޫއު ފެއްޓޭނެ ކަމުގެ ޔަގީންކަން ހަލީލް ދެއްވި އެވެ.