ޚަބަރު

އިދާރާތަކުން ބުނަނީ އާރްޓީއައިތަކަށް ޖަވާބު ނުދެވެނީ ވަސީލަތްތައް ނެތިގެން ކަމަށް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މަޖިލިހުގެ ކޮމިޓީގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު/ ފޮޓޯ : މަޖިލީސް

މައުލޫމާތު ހޯދުމުގެ ގާނުނުގެ ދަށުން ރައިޓް ޓު އިންފޯމޭޝަން (އާރްޓީއައި) ލައިގެން ސަރުކާރުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކުން މައުލޫމާތު ނުދެވެނީ ވަސީލަތްތައް ނެތުމުން ކަމަށް އެ އިދާރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައުލޫމާތު ދީފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

އެކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އިންފޮމޭޝަން ކޮމިޝަނަރު, އަހުމަދު އާހިދު ރަޝީދު ދެއްކެވި ވާހަކައިގަ އެވެ.

އާހިދު ވިދާޅުވީ އެ އޮފީހަށް 11 އަހަރުވެގެން ދިޔައިރު 2021 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅަމުންދާ ކަމަށާއި މި އަހަރު އެކަނިވެސް 214 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި މިދިޔަ އަހަރު ނުނިމި ހުރި މައްސަލަތަކާއެކު ބަލަމުންދާ 258 މައްސަލައިގެ 45 އިންސައްތަ ނިމިފައިވާ ކަމަށް އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ މި އަހަރު ހުށަހެޅި މައްސަލަތަކުގެ 90 އިންސައްތަ މައްސަލައަކީ އިދާރާތަކަށް އާރްޓީއައި ހުށަހަޅައިގެން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށާއި އިދާރާތަކުން ދިން ޖަވާބާ މެދު ހިތްހަމަ ނުޖެހިގެން އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް 6 ޕަސެންޓަށް އަރާ ކަމަށެވެ.

"ވަރަށް ބޮޑަށް ކޮމިޓީއަށް ހުށަހަޅާ ކަންބޮޑުވުމެއް. އަޅުގަނޑުމެންގެ މަސައްކަތްވެސް ގިނަވެގެން މިދަނީ އިިދާރާތަކުން ގާނޫނުން ލާޒިމުކޮށްފައިވާ މިންވަރަށް އަމަލު ނުކުރާތީ. ކޮންމެވެސް ވަރަކަށް ޖަވާބުދޭ ކަމަށް ވަނީ ނަމަ އަޅުގަނޑުމެންނަށް އަންނަ މައްސަލަތައް ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެ" - ންފޮމޭޝަން ކޮމިޝަނަރު, އަހުމަދު އާހިދު ރަޝީދު

ޖަވާބު ނުދެވި ހުރި ހުރިހާ ހުށަހަޅުމަކަށް ދާދިފަހުން ރައީސްގެ އޮފީހުން ޖަވާބުދީފައިވާ ކަން އާހިދު ފާހަގަކުރެއެވެ. އަދި ޖަވާބު ނުދީ ގިނަ ދުވަސްތަކެއްވެފައިވާ މައްސަލަތަކަކަށް މިދިޔަ މަހުގެ ތެރޭގައި ވަރަށް ގިނަ މިނިސްޓްރީތަކުންވެސް ޖަވާބު ދީފައިވާ ކަމަށާއި އެކަން އެގޮތަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާހިދު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!