ފުވައްމުލަކު އާ ހޮސްޕިޓަލު އަޅަން ބޭނުންވާ ފައިސާ ހަމަޖެހިއްޖެ

އާބާދީގައި ނުވަ ހާހެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކު ސިޓީގައި މި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ އައު ހޮސްޕިޓަލަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓަލުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ) ވަނީ މިނިސްޓަރު ހަލީލްއާ ސުވާލުކޮށްފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ, ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ފަންޑިންއާ ގުޅޭ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. ހަލީލް ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރިންނަށް ހުޅުވާލެވޭނެ ކަމަށެވެ. އެކަމަކު ފައިސާ ހަމަޖެއްސީ ކިހިނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"ފުވައްމުލަކުގައި އަލަށް އިމާރާތް ކުރުމަށް ބޭނުންވާ ހޮސްޕިޓަލަށް ބޭނުންވާ ފަންޑިން މިހާރު ވަނީ ހަމަޖެހިފައި، މިހާރު މިކުރިއަށް ދަނީ ބިޑް ޑޮކިއުމެންޓް ފުރިހަމަ ކުރުމުގެ މަސައްކަތްތައް." ހަލީލް ވިދާޅުވި އެވެ.
ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ކޮށްގެން ފުވައްމުލަކުގައި އަޅަން ނިންމާފައިވާ އައު ހޮސްޕިޓަލްގެ ކުރެހުން މިދިޔަ ސަރުކާރުން އާއްމުކުރި އެވެ. އެހެން ނަމަވެސް މި ސަރުކާރުން އެ ކުރެހުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ގާތްގަނޑަކަށް 50 އެނދުގެ ޖާގައިގެ އެ ހޮސްޕިޓަލް އިމާރާތް ކުރަން ހަމަޖެހިފައިވަނީ މިހާރުވެސް ފުވައްމުލަކު ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތާއި އިންވެގެންނެވެ.