ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބާއްވާ އޯއައިސީގެ ބައްދަލުވުމަށް ޒަމީރު ސައުދީއަށް
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާއާ ގުޅިގެން ބާއްވާ ބައްދަލުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ބިންތައް ހިފާ އިރާންގެ ސިޔާދަތީ މިނިވަންކަމާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ފެންވަރުގައި މާދަމާ ސައުދީގައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޒަމީރު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ ގެ ވަގުތެއްގަ އެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އެއީ ފަލަސްތީނާއި އިރާންގެ ދައުވަތަކަށް އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީއިން އެ ޖަމުއިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކުގެ ބައިވެރިވުން ހިމެނޭހެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ބައްދަލުވުމުގައި ޒަމީރު ތަގުރީރު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެ އެވެ.
އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ފަލަސްތީނަށް އެހީވުމުގެ ގޮތުން މި ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން އެކި އެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން ފަންޑް ރައިސިން ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 19 މިލިއަން ލިބުނެވެ.
އޭގެ އިތުރުން ފަލަސްތީނަށް އެހީވުމަށް އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވެ އެވެ. އެއީ ކުރިން ދެމުން ގެންދިޔަ އެހީގެ އަދަދުގެ 10 ގުނަ އެވެ.
އެހެންނަމަވެސް ޔަހޫދީން އަތްގަދަ ކޮށްގެން އުޅޭ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު, އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިނުކޮށް ދިގުލައިގެން ދިއުން ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.