ޚަބަރު

ބީއެމްއެލް އަށް އޮޅިގެން 77 ބިލިޔަން ޖަމާކުރެވުނު މައްސަލަ ކޮމިޓީން ސާފުކުރަނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބީއެމްއެލްގެ އޭޓީއެމެއް

މިދިޔަ ހަފްތާގެ ތެރޭގައި އދ. އަތޮޅުގައި އޮންނަ ލިލީ ބިޗް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއްގެ އެކައުންޓަށް ޖުލައި މަހުގެ މުސާރައިގެ ގޮތުގައި 77 ބިލިއަން އެމެރިކާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖަމާވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ސާފުކުރަން ނިންމައިފި އެވެ.

Ads by MWSC

އެ މައްސަލަ ސާފުކުރަން ނިންމީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވަނީ އެވަރުގެ އަދަދެއް ޓްރާންސްފާ ކުރިއިރު ބޭންކްގެ އިތުރު ބައުންޑްރީތަކެއް ނެތީތޯ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. އަދި އެހާ ބޮޑު އަދަދެއް އެތަނުގެ ވެރިންގެ ތެރެއިން ވަކި ބައެއް އެޕްރޫވްކޮށްގެން ނޫނީ ޓްރާންސްފާ ކުރެވިގެން ނުވާނެކަން އިމްރާން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ކިހިނެތްތޯ ހަދަނީ އޮޅިގެން ސަރުކާރުގެ އިދާރާއެއްގެ އެކައުންޓަކުން އެހެން ނޫނީ ދައުލަތުގެ ކުންފުންޏެއްގެ އެކައުންޓަކުން އަތް ނުފޯރާ ހިސާބުން ޓްރާންސެކްޝަނެއް ހެދިފައި އިންނަމަ" - އިމްރާން

އެ މައްސަލަ ދިމާވީ ހިއުމަން އެރާއެއް ކަމަށް ބީއެމްއެލްއިން ބުނި ނަމަވެސް އެއީ ހިއުމަން އެރާއެއްތޯ ނޫނީ ނުވަތަ ސިސްޓަމް އެރާއެއްތޯ ސާފުކުރަން އިމްރާން އެދިވަޑައިގެންނެވި އެވެ. އެކަން ހިނގާ ދިޔަ ގޮތް ކޮންމެހެންވެސް ކޮމިޓީއަށް އަންގަން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ކޮމިޓީއަށް ހާޒިރުކުރާށެކޭ ނޫން އެކަމުގެ ތަފްސީލީ މައުލޫމާތު އެނގިފައި އިނިއްޔާ ކުރިއަށް އޮތް ތަނުގައިވެސް ފަސޭހަވާނެ މި ކޮމިޓީއިން އެ ކަންތައްތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރަން" - އިމްރާން

ބީއެމްއެލްގެ އެޕް ޑައުންވާ މައްސަލަ އަކީ ވެސް މި ފަހުން އާންމުކޮށް ދިމާވާ މައްސަލައަކަށްވާއިރު އެކަމާ ގުޅިގެންވެސް އިމްރާން ވަނީ ވާހަކަދައްކަވާފަ އެވެ.

"މިއަދު ވެސް މިއިނީ އެޕް ޑައުންވެފައި ފަތިހުން ފެށައިގެން މިއީ ވޯކިން ޑޭއެއް މާދަމާއަކީ ބުރާސްފަތި. އެހެންވީމާ މިއަދު ނުކުރެވޭ ކަމެއް އެއް ދުވަސް ގެެއްލިގެން މިދަނީ ރައްޔިތުންގެ" - އިމްރާން

ރޭ ފަތިހުން ފެށިގެން އެޕް ޑައުންވެފައިވާތީ އާއްމުންގެ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!